ޕީކުގައި 75 ޑޮކްޓަރުންނާއި 300 ނަރުހުން ޓްރީޓޮޕަށް ބަދަލުވާނެ: އައިޖީއެމްއެޗް
ރާއްޖޭގައި ކޮވިޑް19 ގެ ހާލަތު ޕީކަށް ދިއުމުން އައިޖީއެމްއެޗްގެ 75 ޑޮކްޓަރުންނާއި 300 ނަރުހުން ޓްރީޓޮޕް ހޮސްޕިޓަލުގައި ބަލިމީހުންނަށް ފަރުވާދޭން ނިކުންނާނެކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސާވިސް ޑރ. އަލީ ނަޒީމް ވިދާޅުވީ
އައިޖީއެމްއެޗުން ޓްރީޓޮޕަށް އިތުރު ފަރުވާދޭން މީހުން ބަދަލުކުރުމުގެ ކަންކަން ނިންމުމަށް 10 މެމްބަރުން ހިމެނޭ ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ކޮމިޓީއެއް އުފައްދާފައިވާކަމަށެވެ. އަދި މި ކޮމެޓިގައި ހިމެނިވަޑައިގަންނަވާނީ ކަމުގެ ޚާއްސަ ޑޮކްޓަރުންކަމަށް ނަޒީމް ވިދާޅުވިއެވެ.
"ބަލި ހާލަތު ބޮޑުވެގެންދާނެކަމަށް ބެލެވޭ ޕޭޝަނުންޓުން އަޅުގަޑުމެން މި ޓްރާންސްފަރ ކުރަނީ ޓީޓީއެޗްއަށް. އެހެންވީމަ އެއުސޫލުން މިހާރު ޓްރާންސްފަރ ކުރެވިފައިވަނީ. ދެން ކޮވިޑްގައި 80 ނުވަތަ 85 ޕަސްންޓް މީހުންނަކީ އިތުރު ފަރުވާދޭންޖެހޭ ބައެއް ނޫން." ޑރ. ނަޒީމް ވިދާޅުވިއެވެ.
ޑރ. ނަޒީމް ވިދާޅުވީ މިވަގުތު ޓްރީޓޮޕަށް ބަދަލުކުރާ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ޓްރީޓޮޕްގެ ޓީމުންތަކުން މަސައްކަތް ކުރަމުން އަންނާކަމަށެވެ. އެހެންނަމަވެސް ބަލި މީހުން ގިނަވަމުން ދާނަމަ އައިޖީއެމްއެޗްގެ ޓީމްތައްވެސް ޓްރީޓޮޕްގައި މަސައްކަތް ކުރަން ފަށާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެންމެ ޕީކަށްދާއިރު، ގާތްގަނޑަކަށް އަޅުގަނޑުމެންގެ ފަޅިން 75 ވަރަކަށް ޑޮކްޓަރުން ޓީޓީއެޗްގައި ތިބޭނެ. މިސާލަކަށް 100 އިންޓެންސިވްކެއަރ ބެޑާ، 60 ޖެނެރަލް ބެޑް މި އިންނަނީ ބޭނުންކުރެވޭގޮތަށް. ދެން ނަރުހުންގެވެސް ވަރަށްބޮޑު ކޮންޓިންޖެންޓެއް އެކޮޅަށް މޫވްކުރާނެ އެގޮތުން 300 އެއްހާ ނަރުހުން އެކޮޅުގައި މަސައްކަތް ކުރަންދާނެ" ޑރ. ނަޒީމް ވިދާޅުވިއެވެ.
އަޖީއެމްޗުން ވިދާޅުވީ ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ޓްރީޓޮޕްގައި މަސައްކަތް ކުރަން ދާންޖެހުނު ނަމަވެސް އާންމު ބަލިތަކަށް ފަރުވާދިނުމަށާއި، އޮޕަރޭޝަންތަކާއި އެމަޖެންސީގައި ފަރުވާދިނުމަށް އައިޖީއެމްއެޗްގައި ޚާއްސަކުރެވިފައިވާ ސިއްޙީ ޚިދުމަތްތެރިން ހަރަކާތްތެރިވަމުންދާނެކަމަށެވެ.