ޚަބަރު

މާމެންދޫ މީހަކާއި މެދު ފިޔަވަޅު އަޅައިދިނުމަށް ފޮނުވި ސިޓީއަކީ ފޮނަދޫ ކައުންސިލް މެމްބަރަކަށް އެނގިގެން ފޮނުވި ސިޓީއެއް ނޫން

ދެން އެމްވީ

ލ.މާމެންދޫ މީހަކު ހުއްދަ ނުހޯދާ އެއަތޮޅު ފޮނަދޫއަށް އަރައި ބަނދަރު ބަލަހައްޓަން ހުރި މީހަކަށް އިންޒާރުދިން ކަމަށްބުނެ އޭނާއާއި މެދު ފިޔަވަޅު އަޅައިދިނުމަށް ފޮނަދޫ ކައުންސިލުން މާމެންދޫ ކައުންސިލަށް ފޮނުވި ސިޓީއަކީ ކައުންސިލްގެ އެއްވެސް މެމްބަރަކަށް އަދި ޓާސްކްފޯހުގެ މީހަކަށް ވެސް އެނގިގެން ފޮނުވި ސިޓީއެއް ނޫން ކަމަށް ކައުންސިލްގެ މެމްބަރަކު ބުނެފިއެވެ.

''ދެން'' އަށް މައުލޫމާތު ދެމުން ކައުންސިލް މެމްބަރު ބުނީ ކައުންސިލްގެ ޑިރެކްޓަރ ސޮއިކޮށް ފޮނުވި ސިޓީއަކީ ކައުންސިލްގެ މެމްބަރަކަށް އެނގިގެން ފޮނުވި ސިޓީއެއް ނޫންކަމަށާއި އަދި އެސިޓީގައި ބުނެފައިވާ ފަދަ ކަމެއް ހިނގިކަމެއް ކައުންސިލް މެމްބަރަކަށް އެނގިފައި ނުވާކަމަށެވެ.

އިންޒާރުދިން ކަމަށް ބުނާ މީހާ ''ދެން''އަށް މަޢުލޫމާތު ދެމުން ބުނީ އެއްވެސް ދުވަހެއްގައި މާމެންދޫ ކައުންސިލްގެ ހުއްދަ ނެތި ފޮނަދޫއަށް ގޮސްފައިނުވާނެ ކަމަށާއި އަދި ފޮނަދޫގެ ބަނދަރު ބަލަހައްޓާ މީހުންގެ ހުއްދަ ނެތި ބަނދަރުގައި ދަމާފައިވާ ޓޭޕުން އެތެރެވެފައި ނުވާނެ ކަމަށެވެ. ނަމަވެސް ބަނދަރު ބަލަހައްޓަން ހުރި މީހާއާއި އޭނާއާއި ދެމެދު ހިތްހަމަ ނުޖެހުމުގެ ބަސްތައް ބަދަލު ކުރިކަމަށާއި އިންޒާރުގެ އެއްވެސް ބަހެއް ބުނެފައި ނުވާނެކަމަށެވެ.

އޭނާ ބުނީ ކަން ހިނގާފައިވާ ގޮތެއް ބެލުމެއް ނެތި މާމެންދޫ ކައުންސިލުން މިހާރު ވަނީ އޭނާ ފޮނަދޫއަށް އެރުން 14 ދުވަހަސް ހިފަހައްޓާފައިކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!