ހަގީގީ ހާދިސާ ލައިފްސްޓައިލް

ހަގީގީ ހާދިސާ: ޓީޗަރަކު ކުއްޖެއްގެ ފޫކޮޅަށް ޕިން ހަރަމުން ދިން އަނިޔާ، އުމުރު ދުވަހުގެ ނަފްސާނީ އަނިޔާއަކަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ ފޭސްބުކްގައި މީހަކު ޙިއްސާ ކޮށްފައިވާ ވާހަކައެކެވެ. މިހާދިސާ އަކީ މީގެ 13 އަހަރު ކުރިން ހިނގާފައިވީ ހާދިސާއެއް ނަމަވެސް، މިފަދަ ކަންކަން މިހާރުވެސް ކުރިމަތިވަމުން ދާތީ، މިހާދިސާ ކިޔުންތެރިންނާ ހިއްސާ ކޮށްލަން ބޭނުންވީއެވެ.

Ads by STELCO

މައިންބަފައިން އެމީހުންގެ ދެލޮލުގެ ކޮއެފަދަ ދަރިން ޓީޗަރުންނާ ހަވާލު ކުރަނީ، އެކުދިންނަށް ތަޢުލީމު އުނގަންނައިދީ، އެކުދިންގެ މުސްތަޤުބަލު އުޖާލާ ކުރުމަށެވެ. ނަމަވެސް ޓީޗަރަކު ދަރިވަރެއްގެ ފޫކޮޅަށް ޕިން ހެރި ވާހަކަ އަޑުއެހިން ހެއްޔެވެ؟ މިއީ އެއިރު އުމުރުން އެންމެ ތިން އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް އޭނާގެ ޓީޗަރު ދިން ހަގީގީ އަނިޔާއެއްގެ ވާހަކައެވެ.

މިހާދިސާ ހިނގާފައިވަނީ 2007 ގެ ކުރީކޮޅެވެ. އެކުއްޖާ ސްކޫލުން ގެއަށް ގެނެސް، އޭނާގެ މަންމަ އުޅުނީ ޔުނީފޯމު ބަދަލު ކުރާށެވެ.

ނަމަވެސް އެދުވަހު އެކުއްޖާގެ ސޯޓުބާލުވަން އުޅުމުން އެކުއްޖާ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ޖެހިލުންވެ، ތަދުވެގެން އެހެން ނަމަވެސް އެއްޗެއް ނުބުނެ ބިރުގަނެފައި ހުންނަހެން ހުރުމުން ކިހިނެއްވީތޯ އެމަންމަ ސުވާލު ކުރިއެވެ. އެސުވާލާއެކު ކުއްޖާގެ ހިތް ފަޅައިގެން ދިޔަ ފަދައެވެ.

ހުއްޓުމެއް ނެތި ރޮމުން، އަމިއްލައަށް ސޯޓު ތިރި ކޮށްލާފައި ފަހަތަށް އެނބުރި ދެއްކީ ޚުދު އެމަންމަގެ ފައިދަށުން ވެސް ބިންގަނޑު ދެމިގަތްފަދަ މަންޒަރެކެވެ. އެކި ދުވަސްމަތިން އެކުއްޖާގެ ފޫކޮޅަށް ޕިންހަރާ، އަނިޔާ ކޮށްފައިހުރި ނިޝާންތައް އެމަންމަގެ ލޯ ކުރިމައްޗަށް ފެންނަން ހުއްޓެވެ.

އެހިނދު އެމަންމައަށް ހަނދާންވީ އެއްދުވަހު ޔުނީފޯމް ދޮންނަން އުޅުނުއިރު، ޔުނީފޯމުގެ ބެގީ ކޮށްފައި ހުންނަ ހިސާބުގައި ލޭ ތިކި ތަކެއް ހުރެގެން މަންމަ އެކަމާ ސުވާލުކުރި ދުވަހެއްގެ މަތިންނެވެ. ނަމަވެސް އެއީ ކީއްވެގެން ހޭކުނު ލޭތިކިތަކެއް ކަމެއް އެކުއްޖާއަށް ބުނެދެވިފައެއް ނުވެއެވެ. އަދި އެމަންމައަށް ވެސް އިތުރަށް ސުވާލު ކުރެވިފައެއް ވެސް ނުވެއެވެ.

ކުއްޖާ ގޮވައިގެން ވަގުތުން އެމަންމަ ދިޔައީ ސްކޫލަށެވެ. އެކުއްޖާ ބުނީ އޭނާ ގޮނޑިން ފޫކޮޅު ހިއްލާލާ ކޮންމެ ފަހަރަކު ފަލަމަސްގަނޑަށާއި ފޫކޮޅަށް އެޓީޗަރު ޕިންހަރާ ކަމަށާއި ކުލާހުގައި އެހެން ކުދިންނާއި އެކަހެރިކޮށް ބަހައްޓާ ކަމަށެވެ. އެކުއްޖާގެ ވާހަކަތައް ސްކޫލްގެ އެވަގުތު ތިބި މެނޭޖްމަންޓަށް ކިޔައިދިނީ ރޮމުން ރޮމުންނެވެ.

އެކުއްޖާގެ ވާހަކަތަކާއި ބެލެނިވެރިޔާގެ ވާހަކަތައް އަޑުއެހުމަށްފަހު މައްސަލަ ބަލާނެ ކަމަށް ބުނެ ގެއަށް ފޮނުވާލިއެވެ.

އޭގެ ތިން ދުވަސްފަހުން މަޢާފަށް އެދި އެޓީޗަރު ބޮޑު ސިޓީއެއް ފޮނުވި އެވެ. އެމީހުންނަށް މިކަމުގެ ޙައްލެއްގެ ގޮތުގައި ފެނުނީ އެސިޓީ ފޮނުވުމެވެ. ނަމަވެސް މިއީ އެކަމުގެ ހައްލެއް ހެއްޔެވެ؟

ކުށް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ޠަބީޢަތުގައި ހުންނާނެ ކަމެކެވެ. ނަމަވެސް މިފަދަ ކުށްތަކަކީ މިކަން ބަރުދާސްތު ކުރާ މީހަކަށް ހަނދާނުން ފިލުވާލަން ވަރަށް ދަތިވާނެ ކަންތައްތަކެވެ.

މިހާރު އެކުއްޖާގެ އުމުރު 19 އަހަރެވެ. ނަމަވެސް ތުއްތުއިރު އެލިބުނު ޒަޚަމް އަދިވެސް އޭނާގެ ހިތުން ނުފިލައެވެ. އޭނާގެ މުޅި ދިރިއުޅުން ބަރުބާދުވީއެވެ. އެނގިފައިވާ ގޮތުގައި އޭނާއަށް އަދިވެސް ހަމަ ނިދި ނުނިދެއެވެ. އަދި އަމިއްލައަށް އިސް ނަގައިގެން ތަނަކަށް ގޮސް ބަހެއް ކިޔާލަން ވެސް އޭނާއަށް ނުކެރެއެވެ.

ހަގީގަތުގައި މިއީ އެކުއްޖާއަށް ދެވުނު ޖިސްމާނީ އަނިޔާއެއް އެކަންޏެއް ނޫނެވެ. ނަފްސާނީ ގޮތުން ވެސް މިވަނީ އޭނާއަށް ބޮޑު އަނިޔާއެއް ދެވިފައެވެ.

ޓީޗަރު މާފަށް އެދި ފޮނުވި ސިޓީގެ ސަބަބުން މިމައްސަލަ އިތުރަށް ބެލުން ވެސް ބަންދުވީއެވެ. ނަމަވެސް މިއީ އިންސާފު ހެއްޔެވެ؟

Ads by HDC
  1. ޓީޝާޓު

    ތި ސްކޫލުގެ ޕްރިންސިޕަލަކަށް ހުރީ ކާކުބާ؟

  2. ހަމްޒާ ކުކުޅު��

    ޓީޗަރުންނަކީ ދަރިން ތަފާތު ކުރުމުން 1ވަނަ ދަރިވަރުންޓެސްޓުން ފާސް ނުވީމަ ބެވުން ނޫން ކަމެއް ނުކުރެ…..