ދުނިޔެ

ލޮކްޑައުންގައިވެސް އިންޑިޔާގައި ކެމިކަލް ލީކުވެ ފެކްޓްރީ ބަންދު ކުރުމަށް ގޮވާލާ މުޒާހަރާ ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ވިޝާކާ ޕަޓްނަމްގެ ސިނާޢީ ސަރަހައްދުގައި ހުރި ފެކްޓްރީ އަކުން ބޭރުވި ވިހަ ގޭހުގެ އަސަރުކޮށްގެން 12 މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމް ވުމާއި ގުޅިގެން، މި ފެކްޓްރީ ބަންދު ކުރުމަށް ގޮވާލާ މުޒާހަރާ ކުރަމުން އެބަ ގެންދެއެވެ. ސައުތު ކުރެޔާގެ ކުންފުންޏަކަށް ނިސްބަތްވާ މި ފެކެޓްރީގެ ސަލާމަތީ ކަންކަން ހުރި ގޮތް ބެލުމަށް ސަރުކާރުގެ އޮފިޝަލުން އައުމުން 300 އެއްހާ މީހުން އެއްވެ ޕޮލިސް ބެރިކޭޑް ފަޅާލުމަށްފަހު، މިތަން ބަންދު ކުރުމަށްވަނީ އަޑު އުފުލާފައެވެ.

Ads by Sosun Fihaara

މި ހަމަ ނުޖެހުން ހިނގަމުން ދިޔައިރުވެސް މިތަނުން މަރުވެގެން ބައެއް މީހުންގެ ހަށިތައް ނެރެގެން ގެންދިޔައެވެ. މުޒާހަރާ ކުރާ މީހުން ވަނީ މަރުވި މީހުންނަށް އިންސާފު ހޯދައިދިނުމަށް ވެސް ގޮވާލާފައެވެ. މަންޒަރު ދުށް މީހަކު ހާމަ ކުރި ގޮތުގައި، " އެތަނުގައި މީހުން ދަރިންތައް ކޮނޑަށް ލައިގެން ފެން ފޮދެއް ހޯދަން ދުވަނިކޮށް ފެނުނު. އެކުދިންގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތް. އަހަރެން ހީކުރީ މަރުވެފަ ކަމަށް" ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ. މަރުވި އެންމެންގެ ހަށިތައް ވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އަންދްރާ ޕްރަދޭޝްގެ ޕޮލިސް ޗީފް ގޯތަމް ސާވަންގް ހާމަ ކުރި ގޮތުގައި، މިހާރު ހާލަތު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ބުރާސްފަތި ދުވަހު ހިނގި ގޭސް ލީކު ވުމުގެ ހާދިސާގައި ބަޔަކު މަރުވެފައި ވުމުން އެކަމުގެ ތަހުގީގު އަންނަނީ ކުރަމުންނެވެ. އަދި އެންވަޔަރްމެންޓް ޓްރައިބިއުނަލްގެ ފަރާތުން 6.2 މިލިއަން ޑޮލަރުން މި ކުންފުނި ވަނީ ޖޫރިމަނާ ކޮށްފައެވެ.

ފެކްޓްރީގެ ވަށައިގެން މީހުން ސަލާމަތް ކުރުމަށް އިތުރަށް ޖާގަ ހަދާ، މީހުން ސަލާމަތް ކުރުމުގައި ފަސޭހަ ވާނެ ގޮތް ވަނީ ހަދާފައެވެ. އިތުރު ލީކެއް ވެދާނެ ކަމަށް އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންދެވުނު ނަމަވެސް ބައެއް މީހުން އެނބުރި އައުމުގެ ހުއްދަ ވަނީ ދީފައެވެ. ޕޮލިހުން ހާމަ ކުރި ގޮތުގައި، ލޮކް ޑައުންގެ ސަބަބުން ފެކްޓްރީ ބަންދުކޮށްފައި ހުރުމުން، ހޫނު ގަދަވެގެން ގޭސް ލީކުވެފައިވާ ކަމަށް، މިހާތަނަށް ބެލި ބެލުމުން ވަނީ އެނގިފައެވެ. ކުންފުނީގެ ފަރާތުން ހާމަކުރި ގޮތުގައި ކުންފުނީގެ މަސައްކަތް ހުއްޓިފައި ހުރި ނަމަވެސް މަރާމާތުގެ މަސައްކަތް ތަކެއް ކުރުމަށް ބައެއް މުވައްޒަފުން ހަރަކާތެރިވިއެވެ.

މިހާދިސާގެ ސަބަބުން ، 1984 ވަނަ އަހަރު ބޯޕާލްގައި މިގޮތަށް ގޭސް ލީކުވުމުގެ ހާދިސާއެއްގައި މަރުވި 3500 މީހުންގެ ހަނދާން ވަނީ އާ ކޮށްދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!