ޚަބަރު

ދޯންޏަށް އެރި މީހާ ބަރަހަނާކޮށް އަނިޔާކުރި މައްސަލަ ފުލުހުން ބަލަން ފަށަައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދޯންޏަކުން ވައްކަން ކުރިކަމަށް ތުހުމަތުކޮށް، އެމީހާ ބަރަހަނާކޮށް އޭނާއަށް އަނިޔާކުރި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

Ads by MWSC

ދޯންޏަކަށް އެރި މީހަކު ބޮކްސާކޮޅަށް ހަދާލައި ބަނދެ ވަރަށް ރަޙުމްކުޑަކޮށް ތަޅާ އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ.

އެވީޑިއޯއިން ފެންނަ ގޮތުގައި ދޯންޏަށް އެރިމީހާ އަތުލައިގަތް މީހުން ވަނީ، އެމީހާ ބޮކްސާ ކޮޅަށް ހަދާލައި އަތާއި ފައި ބަނދެފައެވެ. އަދި އެމީހާ ވަށައިގެން ގިނަ އަދަދެއްގެ މީހުން ތިބި މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. އެމީހުން އޭނާގައިގައި ފައިންނާއި ލަޓިބުރި ފަދަ އެއްޗެހި ބޭނުން ކޮށްގެން ތަޅާ އަނިޔާ ކުރާ މަންޒަރު ވެސް ފެނެއެވެ. އެދޯނިން ނެގި ލާރިތަކާއި ފޯނުތައް ކޮބައިތޯ އަހާ، އެމީހުން އަޑުގަދަ ކޮށް އޭނާއާ ސުވާލު ވެސް ކޮށްފައި ވެއެވެ.

ވީޑިއޯ އާއްމުވުމާ ގުޅިގެން ގިނަ ބަޔަކު އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، ފުލުހުން ބުނީ އެމައްސަލަ ބަލަމުންދާ ކަމަށެވެ.

ދޯންޏަކަށް މީހަކު އަރައިގެން ވައްކަން ކުރިކަމުގެ ތުހުމަތުގައި އެމީހާ އަށް އަނިޔާ ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ.

ހާދިސާ ހިނގީ ކަންނެލި ދޯނިކަށް ހާއްސަކޮށްފައިވާ ޖެޓީގައި އޮތް ދޯންޏެއްގައި ކަމަަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް މިމައްސަލައާއި ގުޅިގެން އެ ދޯނީގައި ތިބި މީހުންނާ ސުވާލު ކުރި ކަމެއް އަދި މީހަކު ހައްޔަރު ކުރި ކަމެއް އަދި ބުނެފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!