ޝާހިދު ކަޕޫރުގެ މި ފޮޓޯ ފެނި ގިނަ އަންހެން ކުދިން ބޭނުންވީ އޭނާއާ އެކު ދުއްވާލަން ދާން
ބޮލީވުޑްގެ ގިނަ ފަންނާނުންނަކީ ސޯޝަލް މީޑިޔާގެ މަންސަތަކުގައި ދިރިއުޅުމުގެ ގިނަ ކަންކަން ހިއްސާ ކުރާ ބައެކެވެ. ސަޕޯޓަރުންގެ މަޤުބޫލުކަން އިތުރު ކުރުމަށް އަބަދުވެސް ތަފާތު ޕޯސްޓް ތައް ހިއްސާ ކުރެވޭތޯ ބަލައެވެ. އެގޮތުން ދާދި ފަހުން ޝާހިދް ކަޕޫރު ވެސް މިވަނީ އަންހެންކުދިންގެ ހިތްތައް ކަތިލާ ފަދަ ޕޯސްޓް އެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.
މި ފޮޓޯ ގައި ޝާހިދު ކަޕޫރު އޭނާގެ ސައިކަލުގައި އިން އިރު ލައިގެން ހުރީ ކަޅު ޓީޝާޓަކާއި ކަޅު ޖެކެޓެއްގެ އިތުރުން އަޅި ކުލައިގެ ޖީންސް އެކެވެ. އަދި ހެދުން އެޅުމުގެ ވައްޓަފާޅިއާ ގުޅޭ ގޮތަށް ޒަމާނީ ރީތި އައިނެއް ވެސް އަޅައިފައި ވެއެވެ. މި ފޮޓޯގެ ދަށުން ކެޕްޝަން އެއްގެ ގޮތުގައި އޭނާ އާއި އެކު ދުއްވާލަން ދާން ބޭނުންތޯ ޝާހިދު ވަނީ ލިޔެފައެވެ.
މި ޕޯސްޓް ހިއްސާ ކުރިތާ ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި އޭނާގެ ސަޕޯޓަރުން ވަނީ ގިނަ އަދަދަކަށް މި ފޮޓޯއަށް ކޮމެންޓް ކޮށްފައެވެ. ނަމަވެސް ހެދުން އެޅުމުގެ ސްޓައިލަށް ވުރެ މީހުންގެ ލޮލުގައި އަޅައިގަތީ ޝާހިދު ކަޕޫރުގެ އިސްތަށިގަނޑު ސްޓައިލް ކޮށްފައި ހުރިގޮތެވެ.
މި ފޮޓޯގެ ކެޕްޝަންގައި އޭނާ އަހާފައި ވަނީ ދުއްވާލަން އެއްވެސް މީހަކު ބޭނުންވޭތޯއެވެ. އެހެންކަމުން ކޮމެންޓުތަކުގައި ދުއްވާލަން ދާން ބޭނުންވާ ކަމަށް ގިނަ ބަޔަކު ކޮމެންޓު ކޮށްފައިވެއެވެ.
މީގެ ކުރިން ޝާހިދް ކަޕޫރު ވަނީ އޭނާގެ އަންހެނުން މީރާ ރާޖްޕުތް އާއި ދެ ދަރިން ކަމަށްވާ ޒެއިން އަދި މިޝާ ކަޕޫރާއެކު ނަގާފައިވާ ވަރަށް ހިތްގައިމު ފޮޓޯ ތަކެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.
ލޮކްޑައުން އާއި އެކު ފިލްމް އިންޑަސްޓްރީ އަށް ބޮޑު ހުއްޓުމެއް އައި ނަމަވެސް މިހާރު ދަނީ އަނެއްކާ ވެސް މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ދެން އެންމެ އަވަހަށް ޝާހިދު ކަޕޫރު ފެނިގެން ދާނޭ ފިލްމް " ޖާރޒީ " ގެ ޝޫޓިން ވެސް ދާދި ފަހުން ވަނީ ފަށާފައެވެ. ބެލުންތެރިން މި ފިލްމަށް އިންތިޒާރު ކުރަމުންދާ އިރު މިއީ ވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާނޭ ފިލްމެއްކަމަށް ބެލެވެއެވެ.