ޚަބަރު

ރުޤްޔާ ކުރުމުގެ ނަމުގައި އަނިޔާ ދިން އާއިލާއަށް ރައްކާތެރިކަން އެބަދެން: ޖެންޑާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރުގްޔާ ކުރުމުގެ ނަމުގައި ގޭގައި ބަންދުކޮށް ތަޅާ އަނިޔާކުރި މަންމަ އާއި ތިން ދަރިންނަށް ރައްކާތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

Ads by MWSC

ފުލުހުން ތަހުގީގު ކުރާ އެމައްސަލައިގައި ޖެންޑާ މިނިސްޓްރީގެ ދައުރު އަދާކޮށް އެއްބާރުލުން ދެމުން އަންނަ ކަމަށް އެމިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ އޮފިޝަލަކު މިއަދު ވިދާޅުވިއެވެ.

ޖިންސީގޯނާގެ މައްސަލަތަކުގައި ޖެންޑާއަށް އޮންނަ ޒިންމާއަކީ ވިކްޓިމް ހިމާޔަތްކޮށްދިނުން ކަން ފާހަގަކުރައްވައި ވިދާޅުވީ އެކަން މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

މެދު ރާއްޖެތެރޭގެ ރަށެއްގައި ހިނގި މިހާދިސާގައި، އަންހެނަކާއި އޭނާގެ ތިން އަންހެން ދަރިން ގެއެއްގައި ތިން މަސް ދުވަސް ވަންދެން ރަހީނުކޮށްގެން ގެންގުޅެ، އެމީހުންނަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ދެމުން ގެންދިޔަ މައްސަލައެއް މިއަދު ވަނީ ފެންމަތިވެފައެވެ. އެމީހުންނަށް ސަލާމަތްވެވުނީ މިދިޔަ މަހުގެ 30 ގައި ކަމަށާއި، މިކަން ހިންގި ކަމަށް ތުހުމަތު ކޮށްފައިވަނީ އެއަންހެންމީހާ މިހާރު އިނދެގެން އުޅޭ މީހާއާއި އެގެއަށް ރުޤްޔާ ކުރަން ކަމަށް ބުނެ ދިޔަ މީހަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި ޖިންނީންގެ އުނދަގުލުން ސަލާމަތްވާން ކަމަށް ބުނެ އެމީހުން ގޭގައި ބަންދުކޮށް ރުގްޔާކޮށް ކުރުމުގެ ނަމުގައި ކުރިނއަނިޔާގައި، ހަތް އަހަރުގެ އަންހެން ކުއްޖާ އަށް ވަނީ ޖިންސީ ގޯނާ ކޮށްފައެވެ. އޭގެ އިތުރުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާ ދިން ކަމަށް އެ ކުދިންގެ މަންމަ ބުނެއެވެ.

އެއަނިޔާތަކުން ސަލާމަތް ވެވުނު ދުވަހު ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކުރި ނަމަވެސް ޖިންސީ ގޯނާކޮށްފައިވާ ކުއްޖާގެ ޓެސްޓްތައް ހެދުމާއި އަނިޔާގެ ހެއްކެއްގެ ގޮތުގައި ފޮޓޯ ނެގުން ލަސްވި މައްސަލައިގައި އާއިލާގެ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް މިހާރު މިމައްސަލަ ފުލުހުން ތަހުގީގުކުރުން އަވަސް ކޮށްފައިވާކަން އެކުދިންގެ މަންމަ ވަނީ ފާހަގަ ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި މިމައްސަލަ އެންމެ ފުރަތަމަ އެއާއިލާއިން ރިޕޯޓުކުރީ އެރަށު ޕޮލިސް ސްޓޭޝަނަށެވެ. ނަމަވެސް އެތަނުގައި ހުރި ފުލުހަކީ މިމައްސަލައަށް ނުފޫޛު ފޯރުވިދާނެފަދަ މީހަކަށްވާތީ، އާއިލާއިން ވަނީ މިމައްސަލަ އެއަތޮޅު ފުލުސް އޮފީހަށް ހުށަހަޅާފައެވެ. މިހާރު މިމައްސަލަ ތަހުގީގު ކުރަމުން ދަނީ އެތަނުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!