ކޮންޓްރެކްޓު އުސޫލުން އައިޖީއެމްއެޗްގައި 3 މަހު މަސައްކަތް ކުރާނެ ނަރުހުން ހޯދަނީ
ރެޖިސްޓާޑް ނަރުހުންގެ ގޮތުގައި އައިޖީއެމްއެޗްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ މީހުން ހޯދަން އެ ހޮސްޕިޓަލުން އިއުލާނުކޮށްފިއެވެ.
އެ ހޮސްޕިޓަލުން ބުނީ ވަގުތީ ގޮތުން ތިން މަސްދުވަހަށް މަސައްކަތް ކުރަން 35 ނަރުހުން ބޭނުންވާ ކަމަށެވެ. މަސައްކަތް ކުރަން ޖެހެނީ ޝިފްޓު ޑިއުޓީއަށް ހަފްތާއަކު ފަސް ދުވަހު، ދުވާލަކު އަށްގަޑި އިރު އެވެ.
މުސާރައިގެ ގޮތުގައި 9،060 ރުފިޔާ އަދި ހަމަޖެހިފައިވާ އުސޫލުން ސާވިސް އެލަވަންސާއި އިތުރު ގަޑީގެ ފައިސާ ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.
މަގާމަށް ކުރިމަތިލާ މީހުންނަކީ ނާސިންގެ ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ މީހުންނަށް ވާން ޖެހޭނެއެވެ.
އެހެންކަމުން މަގާމަށް ކުރިމަަތިލާ މީހުން ވަޒީފާއަށްއެދޭ ސިޓީއާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު މި މަހުގެ 19 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލްކުރަން ވަނީ އެދިފައެވެ.