އަދުރޭ، އިމްރާނަށް: ސަރުކާރުގެ ހުރިހާ ސިޔާސަތެއް ވަނީ ފެއިލްވެފައި، އެއްވެސް ސިޔާސަތަކަށް ތާއީދެއް ނުކުރަން
ސަރުކާރުގެ ސިޔާސަތުތަކަށް އިދިކޮޅުން ތާއީދު ކުރާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފިއެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތެއް ވެސް އަދި ސަރުކާރުގެ އެއްވެސް ސިޔާސަތަކަށް އޭނާ ވެސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް ތާއީދު ނުކުރާ ކަމަށެވެ.
"ވަރަށް ސާފު. ތެޅުނު ވަރަކަށް ދާނީ ހުޅުނބު، މިއީ ލައްކަ ވާހަކަ." އަދުރޭ ވިދާޅުވިއެވެ.
އަދި ބޮޑުތަނުން ފެއިލްވީ ކަމަށް އަމިއްލަ އަށް ގަބޫލު ކުރެވުމުން، ސަރުކާރުން ހަދާ ގޯސްތަކާއި ސަރުކާރުގެ އިހުމާލުގެ ވާހަކަ ދައްކާ، ސަރުކާރު ޖަވާބުދާރީ ކުރުވާ ފަރާތްތައް އަނގަ ބަންދުކުރަން އުޅުނަސް އެކަން ނުވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"މި ސަރުކާރުގެ ހުރިހާ ސިޔާސަތެއް މިވަނީ ފެއިލްވެފައި" އަދުރޭ ވިދާޅުވިއެވެ.
Vaki COVID-19 aa gulhigen gen gulhey siyaasatheh noon.mi sarukaaruge ehves siyaasathakah alhugan’dehves adhi PPM/PNC akunves thaa’eedheh nukuran.varah saafu.thelhunu varakah dhaanee hulhubu. Mee lahka vaahaka @ibusolih @ShimranAb
— Abdul Raheem Abdulla (@Banafsaa) May 11, 2020
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްރާންް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ބޮޑު ނިންމުމެއް ނިންމި ދުވަހު އިދިކޮޅު ޕާޓީތަކުގެ އެންމެ އިސް ލީޑަރަކު ގުޅުއްވާފައި އެ ނިންމުން ބަލައިގަންނަ ކަމާއި، މަޝްވަރާކުރުމަށްފަހު ސަރުކާރުން ނިންމާ ނިންމުންތަކަށް ތާއީދު ކުރަމުން ގެންދާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ސަރުކާރުގެ ނިންމުމަށް ތާއީދު ކުރެއްވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އިސް ބޭފުޅެއް ކަމަށާއި މި ދައްކަވާ ވާހަކަތައް އެ ބޭފުޅާއަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުގެ ތެރޭގައި އޮތް މަސްލަހަތު ނަގާލަން ބޭނުން ނުވާތީ އެ ބޭފުޅާގެ ނަމެއް އިމްރާން ހާމަކުރައްވާފައެއް ނުވެއެވެ.