ޚަބަރު

ޓްރީޓޮޕްގައި 11 މީހަކު އެޑްމިޓްކޮށްފައި އެބަތިބި، ދެ މީހަކު އޮތީ ވެންޓިލޭޓަރުގައި: ޑރ. އަފްޒަލް

ޓްރީޓޮޕްގައި 11 މީހަކު އެޑްމިޓްކޮށްފައި އެބަތިބި ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ތިބީ ވެންޓިލޭޓަރުގައި ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ.އިބްރާހީމް އަފްޒަލް ވިދާޅިވީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ތިން މީހަކަށް ފަރުވާދެމުންދާކަމަށެވެ. އެތިން މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދަނީ ދެ ދިވެހިންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ ޢުމުރުން 70 އަހަރުގެ މީހަކާއި، ޢުމުރުން 88 އަހަރު މީހެކެވެ. މިދެމީހުންނަކީވެސް ފިރިހެނުންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ޕާކިސްތާނު މީހެއްކަމަށްވެސް ފަރުވާދެމުންދާކަމަށާ، އެމީހާގެ ޙާލު ރަނގަޅުކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވިގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލުގައި 11 މީހަކަށް ފަރުވާދެމުންދާއިރު، އޭގެތެރެއިން ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށެވެ. އެއީ ޢުމުރުން 29 އަހަރުގެ މީހަކަށާއި ޢުމުރުން 54 އަހަރުގެ މީހަކަށެވެ. މިދެ މީހުންނަކީވެސް ބިދޭސީ ދެ ފިރިހެނުންނެވެ.

ވެންޓިލޭޓަރުގައި ފަރުވާދެމުންދާނީ ބައްޔަށް ފައްސިވެ ނޭވާލުމަށް ދަތިވެ ހާލު ގޯސްވާ މީހުންނަށެވެ. ރާއްޖޭގައި މި ބަލީގައި މިހާތަނަށް ވަނީ ތިން މީހުން ނިޔާވެފައިވާއިރު ޖުމްލަ 31 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!