އަވައްޓެރި ލަންކާ އަށް ވުރެ ކުޑަ ކުޑަ ރާއްޖޭގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ގިނަ
އަވައްޓެރި ސްރީލަންކާ ގައި ކޮވިޑް19 ޖެހުނު މީހުންނަށް ވުރެ ރާއްޖޭގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެއެވެ. އެއާއެކު ދެކުނު އޭޝިއާ ސަރަޙައްދުން 4 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ ވެސް ރާއްޖެއިންނެވެ.
ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ގިނަ މީހުން ކޮވިޑް19 އަށް ފައްސިވެފައިވަނީ އިންޑިއާ އިންނެވެ. 1.353 ބިލިއަން މީހުންގެ އާބާދީ އޮންނަ އިންޑިއާ އިން މިހާތަނަށް ޖުމްލަ 70768 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އިންޑިއާ އަކީ މުޅި ދުނިޔޭގެ ނިސްބަތަށް ބަލާއިރު 12 ވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު ޤައުމެވެ. މިހާތަނަށް އިންޑިއާއިން ކޮވިޑް-19 ޖެހިގެން 2,294 މީހަކު މަރުވެފައެވެ. އެޤައުމުގައި ބަލި ކޮންޓްރޯލް ނުކުރެވި، ބަލީގެ ނުރައްކާތެރިކަން ދަނީ އިތުރުވަމުންނެވެ.
ދެވަނަ އަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ ދެކުނު އޭޝިއާ ގައުމަކީ 212.2 މިލިއަން މިހުން ދިރިއުޅޭ ޕާކިސްތާނެވެ. ޕާކިސްތާނުގައި މިހާތަނަށް 32,081 ފައްސިވެ 706 މީހުން ވަނީ މަރުވެފައެވެ. އޭގެ ފަހަތުން ތިން ވަނައިގައި ބަންގްލަދޭޝް އޮތް އިރު ބަންގްލަދޭޝް އިން ބަލި ޖެހިފައިވަނީ 15,691 މީހުނަށެވެ.
ހަތަރު ވަނައިގައި ކުޑަ ކުޑަ ރާއްޖެ އޮތް އިރު ރާއްޖެއިން މިހާތަނަށް 897 މީހަކު ވަނި ފައްސިވެފައެވެ. ރާއްޖެއާ ބަލާއިރު އާބާދީ އެތައް ތަނަކުން ބޮޑު ސްރީލަންކާ އިން ފައްސިވެފައިވަނި ޖުމްލަ 869 މީހުނެވެ.
ކޮވިޑް-19ގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، ރާއްޖެ އޮތީ އާބާދީގެ ނިސްބަތުން އެންމެ ބޮޑަށް ކޮވިޑް ފެތުރިފައިވާ ގައުމު ތަކުގެ ލިސްޓުގެ 33 ވަނައިގައެވެ.
އާބާދީގެ ނިސްބަތުން ބަލާއިރު އާބާދީގެ ކޮންމެ އެއްމިލިއަން މީހެއްގެ ތެރެއިން 1545 މީހުންނަށް ނުވަތަ 0.155 ޕަސެންޓު މީހުން ރާއްޖެއިން މިހާތަނަށް ފައްސި ވެފައިވާއިރު މިއީ ސާކު ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ ބޮޑު އަދަދެކެވެ.