ކޮލަމް

އެހެންމީހުން ލައްވާ އެސައިންމެންޓް ހަދަނީ ދަރިވަރުން ބޭނުންވެގެނެއް ނޫން، ސަރުކާރުން އެކަމަށް މަޖުބޫރުކުރާތީ!

ކައުޘަރު އަޙްމަދު ލަޠީފް (ދުންމާރި)
ރާއްޖޭގެ ޔުނިވަރސިޓީއެއްގައި ކިޔަވަމުން އަންނަ ދަރިވަރުންތަކެއް

އުނގެނުމާއި އުނގަންނައި ދިނުމަކީ ދެދުނިޔޭގައި ވެސް އިންސާނާއަށް އެކަމުން މަންފާކުރާނެ ކަމެކެވެ. އަދި އުނގެނުމަކީ އިޖުތިމާޢީގޮތުން އިންސާނާ ގިންތިކުރެވޭ ކަމެއް ވެސް މެއެވެ. ޢިލްމީ ގޮތުން ދުނިޔެއަށް އައި އެންމެ ބޮޑު އިންގިލާބަކީ އަންދަލުސްގައި އުފެދުނު މުސްލިމުންގެ ރަން ޙަޟާރަތް ކަމާމެދު ދެބަސްވެވޭކަށް ނެތެވެ. އެއިރު ދުނިޔެއަށް އައި ކޮންމެ ތަރައްޤީއެއްގެ މައިގަނޑު މަޞްދަރަކީ ޢިލްމަށް ލޯބިކުރުމާއި ޢިލްމު ފެތުރުމަށް ކުރެވުނު ބުރަ މަސައްކަތެވެ.

ކޮންމެއަކަސް، ޒަމާން ބަދަލުވެ ދުނިޔެ ކުޑަވެއްޖެއެވެ. އާބާދީ ބޮޑުވެ ވާދަވެރިކަން އިތުރު ވެއްޖެއެވެ. ދުނިޔަވީ ކޮންމެ މުހުތާދެއްގައި އިންސާނުން ވަނީ އެކަކު އަނެކަކާ ވާދަޖަހަން ފަށާފައެވެ. ޢިލްމީ މައިދާނުގައި ވެސް އޮތީ ހަމަ މި އުސޫލެވެ. އެއްބަޔަކު މަތީ މާކުސް ހޯދަން ވާދަކުރާއިރު، އަނެއް ބަޔަކު ވާދަކުރަނީ ގިނައިން ކިޔެވޭތޯއެވެ. އަދި އަނެއްބަޔަކު ވާދަކުރަނީ "ހާލަތުއް ޟަރޫރާ" ގެ ދަށުން ފޭލިނުވެ ކޯސް ގަނޑު ނިންމާލެވޭތޯއެވެ. މިބީދައިން ބަލާއިރު ބައެއް ޒަމާނީ ދަންނަބޭކަލުން ވިދާޅުވާގޮތުން ނަމަ، ދުވަސްކޮޅަކުން މި މުޖުތަމަޢުގައި 'ޢިލްމުވެރިން' މަދުވެ 'ސަނަދުވެރިން' ގިނަވެގެން ގޮސް ގޮތް ހުސްވާ ދަރަޖައަށް ކަންތައްތައް ދާނެއެވެ. ނަތީޖާއަކަށް ވެގެންދާނީ މުޖުތަމަޢުގައި ބޭކާރު ބޯތަކެއް ގިނަވެގެން ދިއުމެވެ.

ތާރީޚަށް ޖެހިލާއިރު، އަތޮޅުތެރޭގައި ތަޢުލީމު އާންމުކުރުމަށް ސަރުކާރުން މާބޮޑު އަހަމިއްޔަތުކަމެއް ދީފައިވާ ތަނެއް ނުފެނެއެވެ. ކޮންމެވެސް ވަރެއް ނުކުރެއޭ ދަންނަވާކަށް ނެތީމެވެ. ހުރިހާވެސް 'ކަމެއް' އޮތީ ވެރިރަށުގައެވެ. ފުރަ މާލޭގައެވެ. ތަރައްގީގެ ހުރިހާވެސް ވިންދެއް އަބަދުވެސް ޖަހަނީ މާލޭގައެވެ. ނަތީޖާއަކީ، މާމަގެ ފައްޓަރުބައި ވިއްކާލާފަ ވެސް ޢިލްމު ހޯދުމަށް ރާއްޖެތެރޭ މީހުން މާލެ އަންނަން ޖެހުމެވެ. މި ރަބަރު ބިމަށް ނުކަތާ ވަރަށް މިތަނުގައި ތޮއްޖެހުމެވެ.

ޒަމާނީ އޮއިވަރުގައި ދިވެހިރާއްޖެ ފައިތިލަ ސާބިތުކުރަމުން ދާއިރު، މި މައްސަލައަށް ހައްލެއް ހޯދައި ދެވުނު ސަރުކާރަކާ ދިމައެއް ނުވެއެވެ. ދިމާވާނެ ހެނެއް ވެސް ހިއެއް ނުވެއެވެ. ތަޢުލީމު ހާސިލްކުރުމުގެ މަތިވެރި މަޤްޞަދުގައި ތޮއްޖެހުނު ރާއްޖެތެރޭ މީހުންނަށް އޮތީ ، ލިބޭހާ އެއްޗެއް އެކަމަށް ހޭދަކުރުމެވެ. ޖާނުން ފިދާވެގެން ނަމަވެސް ކޯސްގަނޑު ނިންމާލުމަކީ ކުޑަވަރެއްގެ ހިތްހަމަޖެހުމެއް ލިބޭކަމަކަށް ވާތީއެވެ. ސަބަބަކީ ތޯއެވެ؟ ޢިލްމީ މުއައްސަސާތަކުން ޢިލްމާއި ޙިލްމަށްދޭ އަހަމިއްޔަތުކަން ކުޑަވެ، ސަނަދު ދޭން ހުންނަ ފޯރި ގަދަވެ އެކަމުގައި ވާދަވެރިކަން އުފެދުމެވެ.

މައްސަލަ ފެށިގެން އަންނަ ހިސާބަކީ ސްކޫލް ދައުރުގައި އޮންނަ ނަތީޖާ ހޯދުމުގެ ވާދަވެރިކަމެވެ. ސަރުކާރުންދޭ އެވޯޑެވެ. ބެސްޓް ޕުރިންސިޕަލެވެ. ބެސްޓް ސްކޫލެވެ. ޓޮޕް ޓެން އެވެ. މުޅި ސްކޫލުން އެއްވަނަ އެވެ. މިހުރިހާ ކަމެއް ކޮށްފައި ދެއިރު ދެދަޅައަށް ފިންލޭންޑްގެ ކާމިޔާބީގެ ވާހަކަ ވެސް ދައްކާނެއެވެ. ނަމަވެސް މިއިން އެއްވެސް 'ހަޑިއެއް' ފިންލެންޑުގައި ހާވާތަނެއް ފެންނަ އިންސާނަކު މިދުނިޔެއަކު ނެތެވެ.

ސްކޫލުން ރަނގަޅު ނަތީޖާ ހޯދުމުގެ ނިޔަތުގައި ދަރިވަރަށް ސްކޫލުން ދަސްކޮށް ދެނީ ރޭސް ޖަހާށެވެ. ވާދަ ކުރާށެވެ. ބެލެނިވެރިންގެ ހާލުގެ ވާހަކަ ދުލުން ބަޔާން ކުރަން ދައްޗެވެ. ކޮންމެ ބެލެނިވެރިއަކު ވެސް 'ޖާނުން ފިދާވަނީ' ދަރިފުޅު ތަޢުލީމީ ރޭހުން މޮޅު ކުރުމަށެވެ.

މިއަދު އަޅުގަނޑުމެން އެންމެން ވެސް ހަނދާން ނެތިފައިވަނީ 'މޮޅު' ވުމާއި 'ޤާބިލް' ވުމުގެ ތަފާތެވެ. މޮޅުވީމާ ލިބެނީ ސަނަދެވެ. ޤާބިލްވީމާ ލިބެނީ ލޯތްބާއި އިހުތިރާމާއި ޤަދަރެވެ. ޙިލްމު ލިބޭނީ ޤާބިލް ވެގެންނެވެ. ޙިލްމަކީ ސަނަދަކުން ހާސިލް ކުރެވޭނެހާ އަގުހެޔޮ އެއްޗެއް ނޫނެވެ. އެހެން ނޫންނަމަ ކަންކަން ނުވެގެން ރައްޔިތުން ދެއިރު ދެދަޅައަށް 'ފެލޭކަށް' ނުޖެހޭނެއެވެ.

ޒަމާނީ ގިނަ ދަރިވަރުންނަކީ ވަޒީފާ އަދާކުރަމުން ތައުލީމު ހާސިލްކުރަން ބުރަކޮށް މަސައްކަތްކުރާ ބައެކެވެ. އޮފީސް ނިންމާ ގޮތަށް ކޮލެޖަށް ދިއުމަކީ ޘަޤާފަތެކެވެ. ސިކުނޑި ހުސްކޮށްލާކަށް ވަގުތެއް ނުލިބެއެވެ. ލިބޭ މަދު މުސާރަކޮޅު ކުއްޔަށް ދީފައި ކިޔެވުމަށް ބޭނުންވާ ކަންކަމަށް ހޭދަ ކޮށްލާކަށް އެއްޗެއް ނޯވެއެވެ. ކޮލެޖު ނިންމާފައި ދާގޮތަށް ގޮސް ޖެހެނީ 'ތާއްޔާ' އެވެ. ކިޔަވާނެ ވަގުތު ނުލިބި ކިޔެވުމާ ގުޅުން ހުރި މަސައްކަތް ކުރުމަކީ ބޮޑުވަރެއްގެ ހަނގުރާމައެކެވެ. އެސައިންމެންޓް ހެދުމާއި ޓިއުޓޯރިއަލް ހެދުމަކީ ވެސް އެހެންމީހުންގެ އެހީތެރިކަމާއެކު ނޫނީ ނެހެދޭ އެއްޗަކަށް އޮންނަނީ ވެފައެވެ. ވަގުތު ނުލިބެނީ އެވެ. ސިކުނޑިއަށް ލޯޑު ބޮޑުވަނީއެވެ. ހަތަރު އުދަރެހުން މަޖުބޫރު ވަނީއެވެ. ނަތީޖާއަކީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ކޯސްގަނޑު ނިންމަން ޖެހުމެވެ.

ކޮންމެއަކަސް، ޢިލްމީ މުއައްސަސާތަކުގެ މެދުގައި އޮންނަ ވިޔަފާރީގެ ވާދަވެރިކަމުގައި ދަރިވަރުން 'ހަނާވަމުން' ދާއިރު ކަމާބެހޭ ފަރާތްތަކުން މި މައްސަލައަށް އެދެވޭ ހައްލެއް ގެންނަން އުޅޭހެން ހިއެއް ނުވެއެވެ. ހިލޭ ޑިގްރީ ހެދުމަކީ ވެސް ލިބުނު ލުޔެކެވެ. އެކަމަކު މަޖުބޫރީ ހާލަތު ނިޔާކުރާ ގޮތުން އަލުން ކިޔަވަން ޖެހޭނީ ވެސް އަމިއްލަ ޖީބުންނެވެ.

މިކަމަށް ހައްލު ލިބޭނީ ހަރުކަށި ގާނޫނަކަށް ވުރެ ބޮޑަށް އަތޮޅުތެރެއަށް ތަރައްގީ ބަހާލައިގެންނެވެ. އޭރުން ރަބަރު ބިމުން ރާއްޖެތެރޭ މީހުން ފައިބައިގެން ދާނެއެވެ. އަމިއްލަ ވަޒަނުގައި ހިތްހަމަ ޖެހިގެން ޢިލްމު އުނގެނުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. ވަޒީފާގަނޑެއް ވެސް ލިބިދާނެކަން ނޭނގެއެވެ.

 1. އިޖުމާއު

  ކައޫޫ، މައިި މޭންް!

 2. ވަރަށް ފުރިހަމަ !!!

 3. ވ.ރަގަނޅު ލިޔުމެއް….

 4. ޓީޗަރު

  ތީ ހަމަ މަ،ޚާއްޞަކޮށް ޓީޗަރުންގެ މަތީ ތައުލީމަށް ރަނގަޅަށް ބަލަންވާނެ

 5. ެެއެސައިންމެންޓް

  ތިޔައީ ހުސް ހޮޅި ވާހަކަ. އަމިއްލައަށް އެސައިންމެންޓް ހަދަން ނޭގޭތީ މީހުން ލައްވައި ކުރަނީ. ގައިމު ވަޒީފާއެއްގައި އުޅެމުން މާސްޓާސް މި ނިންމީ. ދުވަހަކުވެސް މީހެއްގެ އެހީއެއް ނުހޯދަން.

  • ދިރާސާ

   ދަންނައޭޭ! ފަހެެ، އެންމެންގެެ ޙާލަތުު އެއްްގޮތެއްް ނޫނެވެެ.!

 6. ޢަބުދުﷲ ތައްޔިބު

  ވަރަށް ފުރިހަމަ ވަރަށް ޢިބުރަތްތެރި ހަގީގީ އާޓިކަލް އެެއް.