ޚަބަރު

ރައީސް ޔާމީން މިނިވަންވެ، އެނބުރި ވެރިކަމަށް ވަޑައިގަންނަވާނެ: މުއިއްޒު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިދިކޮޅުގެ އަޒުމެއް ނުގުޑާނެ ކަމަށާއި ރައީސް ޔާމީން މިނިވަންވެ ވަޑައިގެން އެނބުރި ގައުމުގެ ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ނައިބު ރައީސް ޑރ.މުހައްމަދު މުޢިއްޒު ފާހަގަ ވިދާޅުވެއްޖެއެވެ.

Ads by MWSC

އިއްޔެ ކަނޑުމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ދިރާސާ ފެށީ 2016 ވަނަ އަހަރު ކަމަށާއި މި ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދަނީ 2017 ވަނަ އަހަރު ރައީސް ޔާމީން ސަރުކާރުން އެކުލަވާލާފައިވާ ބްލޫ ޕްރިންޓުގެ މައްޗަށް ކަމަށެވެ.

އަދި ރައީސް ޔާމީންގެ ސަރުކާރުން މާލެ އާއި ހުޅުލެއާ ދެމެދު އެޅި ސިނަމާލެ ބްރިޖާ ހިލާފަށް، މި ސަރުކާރުން ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ ދިވެހި ރައްޔިތުންގެ ބޮލުގައި އެތައް ދަރަންޏެއް އެޅޭ ގޮތަށް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އެ ޕްރޮޖެކްޓަށް ހަރަދު ކުރަން ހަމަޖެހިފައިވާ ފުރިހަމަ އަދަދު މިހާތަނަށް ވެސް ހާމަކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ސިނަމާލެ ބްރިޖަކީ ޗައިނާއިން ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ބޮޑު ދަރަންޏެއް ކަމަށް މި ސަރުކާރުން ބުނާއިރު އެ ޕްރޮޖެކްޓަށް ޗައިނާ ސަރުކާރުން ހަރަދުކުރި 200 މިލިއަން ޑޮލަރުގެ ތެރެއިން 130 މިލިއަނެއްހާ ޑޮލަރަކީ ހިލޭ އެހީ ކަމަށެވެ. އެހެންކަމުން ލޯނުގެ ގޮތުގައި ދައްކަން ޖެހެނީ އެންމެ 70 މިލިއަނެއްހާ ޑޮލަރު ކަމަށާއި އެއީ ވެސް 20 އަހަރު ދުވަހުގެ ތެރޭގައި ވަރަށް ކުޑަ އިންޓަރެސްޓެއްގައި ދޭންޖެހޭ އެއްޗެއް ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރުން ކޮރަޕްޝަން ހިންގުމަށްޓަކައި، ތިލަމާލެ ބްރިޖަށް އިންޑިއާ އިން ހަރަދުކުރާވަރު ރައްޔިތުންނަށް ހާމަކޮށްދީފައި ނުވާއިރު ބްރިޖު އެޅުމުގެ މަސައްކަތް މި ސަރުކާރަށް ފެށިފައި ނުވަނީ ނާގާބިލު ކަމާއި ސަރުކާރުގެ ކޮރަޕްޝަން ބޮޑުކަމުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ.މުޢިއްޒު ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ ޢަޒުމެއް ނުގުނޑާނެ ކަމަށާއި އުންމީދު ނުގެއްލޭނެ ކަމުގައެވެ. ހަމައެހެންމެ ރައީސް ޔާމީން މިނިވަންވެ ވަޑައިގެން ޤައުމުގެ ވެރިކަމަށް ވަޑައިގަންނަވާނެ ކަމުގައިވެސް ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރައްވާފައިވާ މުއިއްޒު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!