ޚަބަރު

މިއީ ވޯލްޑް ބޭންކުގެ އެހީ ރާއްޖެއަށް އެންމެ ބޭނުން ވަގުތު: ރައީސް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިއީ ވޯލްޑް ބޭންކުގެ އެހީ ރާއްޖެއަށް އެންމެ ބޭނުން ވަގުތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް މިހެން ވިދާޅުވީ، ވަރލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފެރިސް ހަދާދް ޖަވަރސް އަދި އެ ޖަމުޢިއްޔާގެ ކަންޓްރީ މެނޭޖަރ ޗިޔޯ ކަންޑާއާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ

މިއަދު ހެނދުރު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމަކީ ދެބޭފުޅުން މަގާމުގެ ހައިސިއްޔަތުުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ބޭއްވެވި ބައްދަލު ކުރެއްވުމެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ، ވަރލްޑް ބޭންކުން ވޭތުވެދިޔަ 42 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއާއިއެކު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން، އެ ޖަމުޢިއްޔާގެ އެހީގައި އެ މުއްދަތުގައި ދިވެހިރާއްޖޭގައި 295 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކުރެވި، 32 މަޝްރޫޢެއް ހިންގާފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި، މިހާރުވެސް ވަރލްޑް ބޭންކުގެ އެހީގައި ޕަބްލިކް ފައިނޭންސާއި، އިއާދަ ކުރަނިވި ހަކަތައިގެ އިތުރުން ކެޕޭސިޓީ އިތުރު ކުރުމާއި، ތަޢުލީމީ ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން މަސްވެރިކަމުގެ ސިނާޢަތް ފުޅާ ކުރުމާއި، މީހުން ބިނާކުރުމަށް ދެއްވާފައިވާ ޙާއްޞަ އަހައްމިއްޔަތު، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައި ވެއެވެ. މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19ގެ މި ޙާލަތުގައި އެންމެ ފުރަތަމަ ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ތެރޭގައި ވަރލްޑް ބޭންކް ހިމެނޭކަން ފާހަގަކުރައްވާ، ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިކަން ހޯދުމާއި، ދިވެހިރާއްޖެއަށް އެއިރެއްގައި ބޭނުންޖެހިފައިވާ މަޝްރޫޢުތައް ހިންގުމުގައި ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، އެ ޖަމުޢިއްޔާއަށް ޝުކުރު އަދާ ކުރައްވާފައި ވެއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ކޯވިޑް-19ގެ ޙާލަތުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ހުއްޓިފައި އޮތުމަށްފަހު އަލުން ފަތުރުވެރިކަމަށް ރާއްޖެ ހުޅުވިގެންދާ މި ދަނޑިވަޅަކީ ވަރލްޑް ބޭންކުގެ އެހީތެރިކަން ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ދަނޑިވަޅުކަން ހާމަ ކުރައްވާފައެވެ. އަދި، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ މާލީ އެހީތެރިކަން މިހާރަށްވުރެ ފުޅާކުރައްވާ އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ކުރިއެރުމަށް އެހީތެރިވެ ދެއްވާނޭކަމަށް އުންމީދު ކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

‎މި ބައްދަލުކުރެއްވުމުގައި ވަރލްޑް ބޭންކުގެ ވަފުދުން ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދު ހަމަ މަގަށް އެޅުވުމުގައި މިހާރުން މިހާރަށް ބޭނުންވާ މެކްރޯ-ފިސްކަލް ބަދަލުތައް ގެނައުމުގެ އިތުރުން އިޤްތިޞާދު ހަރުދަނާކޮށް، ކޯވިޑް-19 ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރު ކޮށްދެއްވާނެކަން ހާމަކުރައްވާފައެވެ. އަދި، ސަރުކާރުގެ ދެ އަހަރު ދުވަހުގެ ކާމިޔާބު މަސައްކަތުން އަންހެނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދީ ބާރުވެރިކުރުވުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ކާމިޔާބީއަށް އެދޭކަމުގައި އެވަފުދުން ފާހަގަކުރެއްވިއެވެ.

‎މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އިސްމާޢިލް އަލީ މަނިކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކެޓްރީ ފޮރިން ރިލޭޝަންސް ސަބްރާ ނޫރައްދީން، ޗީފް ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް މަރިޔަމް އަބްދުލް ނާސިރު، އަދި ވަރލްޑް ބޭންކްގެ ކަންޓްރީ ސްޓާފް ޝާދިޔާ އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!