ޙަޤީޤީ ޙާދިޘާ : ދޮންބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބެމުން ދިޔަ މީހެއްގެ ސާބިތުކަމާއި ކެތްތެރިކަން ،ﷲ އޭނާއަށް ދެއްކެވި މަގު
މިވާހަކައަކީ ޖިންސީ ފުރައްސާރައާއި ގޯނާ ލިބެމުންދިޔަ ޒުވާން އަންހެން ކުއްޖަކު އެކަމުން ސަލާމަތްވި ގޮތުގެ ވާހަކައެކެވެ. އަހަރުތަކަކަށް ދިގު ދެމިގެން ދިޔަ މި ގޯނާތަކުން ސަލާމަތްވެ މިހާރު ހޭދަ ކުރަމުންދަނީ އުފާވެރި ޙަޔާތެކެވެ.
''ކުޑައިރުގެ ދުވަސްތައް އަހަރެމެން ހޭދަ ކުރީ އުފަލާއެކީގައެވެ. ކޮއްކޮއިންނާއެކު ކުޅެ އުޅުނު ހަނދާންތަކަކީ މިއަދު ވެސް ހިތަށް އުފާވެރިކަން ގެނުވާ ހަނދާންތަކެކެވެ. ބައްޕައަށް ލިބޭ ކުޑަ އާމްދަނީއިން ދިރިއުޅުމުގެ ކަންކަން އެންމެ ފުރިހަމަ ނުވި ނަމަވެސް އަހަރެމެން އުޅެމުން ދިޔައީ އުފަލާއި ހިތްހަމަ ޖެހުމާއެކީގައެވެ.
މި ދުވަސްތައް ނިމި ކަޅު ޙަޔާތެއްގެ ސިލްސިލާ ފެށުމަކަށްވީ ބައްޕަގެ ކުއްލި މަރެވެ. އުފާވެރި ދުވަސް ބަދަލުވެގެން ދިޔައީ އެންމެ ދުވަހަކުންނެވެ. ބައްޕަގެ ވަކިވުމުންނެވެ. މަންމަ އެދުވަހު އޮހޮރި ކަރުނައާއި ކުރި ހިތާމައިގެ ސަބަބުތައް ދެން އައި ދުވަސްތަކުން ދިޔައީ ސާފު ވަމުންނެވެ.
ބައްޕަގެ ވަކިވުމާއެކު ދިރިއުޅުން ދަތިވާން ފެށިއެވެ. މަންމައާއި ބައްޕަގެ އާއިލާއިން ވެސް ކޮންމެ ވެސް ވަރަކަށް އެއްޗެއް ދިއްކޮށްލާ ނަމަވެސް ޙަޔާތުގެ ޚަރީފް މޫސުން ފެށި އެ ދުވަސްތައް މާޒީވަމުން ދިޔައެވެ. ސުކޫލުން ހޯދަން ބުނާ ތަކެތި ހޯދޭ ފަހަރާއި ނުހޯދޭ ފަހަރުތަކެވެ. ކެއިން ބުއިން ވެސް ރަނގަޅު ދުވަސްތަކާއި ކޮންމެވެސް ގޮތަކުން ފުއްދާލައިގެން ތިބޭ ދުވަސްތަކެވެ.މަންމަ އޭރު ހޭދަ ކުރަމުންދިޔަ ހިތްދަތި ޙަޔާތް އަހަރެން ދިޔައީ ގާތުން ބަލަމުން އިހްސާސް ކުރަމުންނެވެ. އަހަރެމެންގެ ކުރިމަތީގައި އެކަން ނުދައްކަން އުޅުނަސް މަންމަގެ މޫނުން އެ ހިތްދަތިކަން އަހަރެން ކިތަންމެ ފަހަރަކު ދެނެގަތީމެވެ. އަހަންނަކީ އެންމެ ދޮށީ މީހާ ކަމަށްވުމުން މިފަދަ ކަންކަމާއި މެދު ކޮންމެ ވެސް ވަރަކަށް ފިކުރު ކުރެވެމުން ދިޔަ ނަމަވެސް ކޮއްކޮމެންނަކަށް އެ ހިތްދަތި ކަމެއް ނުވިސްނޭނެއެވެ.
ދުވަސްތައް ހިނގަމުން އައިސް ޙަޔާތަށް އުފާވެރިކަން ލިބުމުގެ ފެހި ސިގްނަލެއް ލިބިއްޖެއެވެ. މަންމަ އާ ކައިވެންޏެއް ކުރަނީއެވެ. ދޮން ބައްޕައެއް ނަމަވެސް ދިރިއުޅުން އުފާވެރި ވެގެންދާނެ ކަމަށް އުއްމީދު ކުރީމެވެ. ހަމައެހެންމެ އެ އުއްމީދުތައް ޙަޤީޤަތަކަށް ވެސް ވާން ފަށައިފިއެވެ. މަންމަގެ މޫނުން އެކަނިވެރިކަމުގެ އަސަރުތައް ފިލާދާން ފަށައިފިއެވެ. ނަމަވެސް މާ ގިނަ ދުވަހަކަށް ނޫނެވެ.
އެއް ރެއެއްގެ ދަންވަރުގެ ވަގުތެވެ. އަހަންނަށް ހޭލެވުނީ އަހަރެންގެ ގައިގާ މީހަކު އަތްހާކާތީ ހުވަފެނުން ފެނިގެންނެވެ. އޭނާގެ ކިބައިން ސަލާމަތްވާން އަތް ހޫރުވަމުން ދިޔަ ނަމަވެސް އެކަން ހުއްޓައެއް ނުލިއެވެ. ކުއްލިއަކަށް ހޭލެވި ، މީހަކު ގާތުގައި ނެތުމުން މިއީ ހުވަފެނެއްކަން ޔަގީންވުމުން ހިތަށް ލުއި ލިބިގެން ދިޔައެވެ.
އޭގެފަހުން އަނެއްކާ ވެސް ދެތިންރޭގެ ފަހެވެ. ހަމަ މި ހުވަފެނެވެ. ނަމަވެސް ހޭލެވުނުއިރު މިފަހަރު ގާތުގައި މީހަކު އިނުމުން މި ފެންނަނީ ހުވަފެން ނޫންކަން ވިސްނުނެވެ. ގާތުގައި އިން މީހާއަކީ ކާކުކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އެއީ އެމީހެއްގެ ފަރާތުން އަހަރެމެންނަށް ރައްކާތެރިކަމާއި އުފާވެރިކަން ލިބިދާނެ ކަމަށް އަހަރެމެން އުއްމީދު ކުރި މީހާއެވެ. އަހަރެންގެ ދޮންބައްޕައެވެ.
އިންޒާރު ދިނުމުގެ އިޝާރާތްތަކެއް ދައްކަމުން ދޮންބައްޕަ ނިކުމެގެން ދިޔަ ނަމަވެސް އަހަންނަށް ލިބުނީ ޝޮކެކެވެ. ހާސްކަމާއި ބިރުވެރިކަން ހިތަށް ވަދެ ފިކުރު ބޮޑުވަމުން ދިޔައެވެ. ކޮއްކޮމެންނާއި މެދު އިތުރަށް ވިސްނާލެވުނެވެ. ދެން ހަދާނީ ކިހިނެއްތޯ ހިތާހިތާ ސުވާލު ކުރެވެއެވެ. އެއްކޮޅުން މަންމަ ގާތުގައި ބުނެފިއްޔާ މަންމަގެ މި ދިރިއުޅުން ގެއްލި ، އުނދަގޫ ދުވަސްތަކެއް ކުރިމަތި ވެދާނެއެވެ. އަނެއްކޮޅުން މިވާހަކަ ނުބުނެ ހުރެއްޖެނަމަ އަހަންނާއެކު ކޮއްކޮމެންނަށް ދެން ކުރިމަތި ވެދާނެ ކަމެއް ނޭނގެއެވެ. އެއްވެސް ޖަވާބެއް ނުލިބި ސިކުނޑި ގަނޑުވިއެވެ.
މި ބިރުވެރިކަމާއި ޚިޔާލުތަކުގެ ތެރޭގައި އޮއްވާ ފަތިސް ވެއްޖެއެވެ. ހިތްވަރެއްލާ ، ތެދުވެ ނަމާދުކޮށް ރޮމުން ގެންދިޔައިމެވެ. ﷲ އަށް ދަންނަވަމުން ގެންދިޔައިމެވެ. ޔާﷲ! މިއަޅާ އާއި މިއަޅާގެ އާއިލާ ރައްކާތެރިކޮށް ދެއްވާންދޭވެއެވެ.
އަނެއް ދުވަހެވެ. މަންމަ ގާތުގައި އެވާހަކަ ދައްކަން އެތައް ފަހަރަކު މަސައްކަތް ކުރީމެވެ. ނަމަވެސް ހިތްވަރެއް ނުލިބުނެވެ.
އޭގެ ފަހުން އަހަރެންގެ ރޭތައް ނިދިން ޤުރުބާން ކުރީމެވެ. ކޮއްކޮމެންނާއި އަހަރެމެންގެ ސަލާމަތަށްޓަކައި ނުނިދި ބިރުން އޮންނަމެވެ. އަމިއްލަ އިޚްތިޔާރެއް ނެތި ނިދެންދެން ކޮންމެ ރެއަކު ހޭދަ ކުރަމެވެ.
ދޮންބައްޕަގެ އިންޒާރުގެ ބަސްތަކާއި ޖިންސީ ފުރައްސާރައިގެ ބަސްތައް އަހަންނަށް ރައްދު ވަމުން ދިޔަ ނަމަވެސް އަހަރެން ކެތްކުރަމުން ދިޔައިމެވެ. މި ޙާލަތުގައި ވެސް ކެތްތެރިކަން ދެއްވުމަށާއި މިކަމުން ސަލާމަތްކޮށްދެއްވާތޯ ﷲ ތަޢާލާއަށް ދަންނަވަމުން ގެންދިޔައިމެވެ.
ޙާލަތަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެކެވެ. މީހާ ހީވެސް ނުކުރާހާ ފަސޭހައިން ކަމެއް ނިމިގެން ހިނގައިދާނެއެވެ. ކުންފަޔަކޫންގެ އަމުރުފުޅާއެކު އެއްވެސް ކަމެއް ލަހެއް ފަހެއް ނުވެއެވެ.
ދޮންބައްޕަގެ ފަރާތުން ގޯސްކަމެއް ހިނގަމުންދާކަން މަންމައަށް އަށް އެނގޭކަން އަހަންނަށް ވިސްނިއްޖެއެވެ. މަންމަގެ އުޖާލާވަމުން އައި މޫނު އަނެއްކާވެސް މާޔޫސްކަމުން އަނދިރިވާން ފަށައިފިއެވެ. އޭގެފަހުން ދޮންބައްޕައާއި ދިމާއަށް ''މަގޭ ދަރީންނާ ދުރުގައި ހުންނައްޗޭ'' ބުނި އަޑު ކަންފަތުގައި ޖެހި މަންމައަށް މިކަން ސާފު ވެއްޖެކަން ކަށަވަރުވިއެވެ. ބައްޕަ މަރުވެ ދަތި ޙާލުގައި ވެސް މަންމަ ކުރި ހިތްވަރާއި މިހާރު ވެސް މަންމަ އެދައްކާ ސާބިތުކަން ފެނި ހިތާމައިން ހިތް ރޮއްވާލި ނަމަވެސް އެއީ ހިތަށް ހަމަޖެހުން ލިބުނު ވަގުތެކެވެ. ހިތްވަރު އާވީ ވަގުތެކެވެ.
ރަނގަޅު ވަގުތެއް ހޯދައިގެން އަހަރެން މަންމައާއި ވާހަކަ ދެއްކީމެވެ. ދޮންބައްޕަގެ ވާހަކަ ނުދެއްކި ނަމަވެސް އަހަރެން ކައިވެނި ކުރަން ބޭނުންވާ ވާހަކަ މަންމަ ގާތުގައި ބުނީމެވެ. އަދި އެކަމަށް އެދި ހުރި މީހެއްގެ ނަން ވެސް މަންމަ ގާތު ބުނީމެވެ. މަންމަ ވެސް އެކަމާއި ރުހި ގިނަ ދުވަސްތަކެއް ނުވެ ކައިވެނި ކޮށްފީމެވެ.
ޙަޔާތުގައި އަހަރެން މިހާރު ހޭދަ ކުރަމުން މިދަނީ އުފާވެރި ދުވަސްތަކެކެވެ. ކޮއްކޮމެންވެސް ތިބީ އަމިއްލައަށް އުޅެވޭ ޙާލަތުގައެވެ. އަދި އަހަރެންގެ ކައިވެންޏާއެކު މަންމައާއި ދުރުވަމުން ގޮސް ދޮންބައްޕަ މާ ދުރަށް ގޮސް އޮބާލައިފިއެވެ. މަންމަ ވަރިކޮށް އަހަރެމެންގެ ޙަޔާތުން ނިކުމެގެން ހިނގައްޖެއެވެ. މިއަދު މަންމައާއިއެކު އަހަރެން މިހޭދަ ކުރަނީ ޙަޔާތުގެ އެންމެ އުފާވެރި ދުވަސްތަކެވެ. އަހަރެންގެ ދުޢާއަކީ ޙަޔާތުގައި ދެން އެފަދަ ހިތާމަވެރި ދުވަސްތަކެއް ނުދެއްކެވުމެވެ.