ފާރިސް މެދުވެރިކޮށް ރައީސް މައުމޫނަށް ފައިސާ ހަވާލުކުރީ އަޅުގަނޑު: ދިޔާނާ
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކާށިދޫ ދާއިރާ މެންބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވައިފިއެވެ.
ރައީސް މައުމޫނަށް ތައުރީފް ކުރައްވައި ޑރ. މުހައްމަދު ޝަހީމް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވައި ދިޔާނާ ވިދާޅުވީ ރައީސް މައުމޫން ކިތަންމެ މަތީ ފާހެއް އިލްމީ ގޮތުން ނަންގައިވައިގެން ހުންނެވި ނަމަވެސް، ރައީސް މައުމޫނަކީ ޝަރީއަތުގެ ކުރިމަތީގައި ފާޅުކަން ބޮޑުގޮތެއްގައި އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށެވެ.
ދިޔާނާގެ ވާހަކަ އަމާޒުކުރެއްވީ ޖާބިރުގެ އަތުން މައުމޫން ނެގިކަމަށް ބުނާ 29 މިލިއަން ރުފިޔާ އާ ގުޅިގެންނެވެ.
ދިޔާނާ އިތުރަށް ވިދާޅުވީ ދިރިތިބި ބައިވަރު ހެކިން ތިއްބާ މައުމޫން އެފަދައިން އިތުރުފުޅު ހައްދަވަނީ ވަރަށް ދެރަވަރު ވީމައޭ އޭނާ ހިތަށް އަރާ ކަމަށެވެ.
ދިޔާނާގެ އިތުރު ޓްވީޓެއްގައި ވިދާޅުވީ 2017 ވަނަ އަހަރު ކުއަލަލަމްޕޫރުގެ އިންޓަމާކް ބިލްޑިންގައި ރައީސް މައުމޫނާ ޖާބިރު ބައްދަލު ކުރެއްވި ކަމަށާއި މި ބައްދަލު ކުރެއްވުމުގައި ޖާބިރު މައުމޫނަށް ލާރިދޭން އެއްބަސްވި ކަމަށެވެ.
"ޖާބިރުގެ ފަރާތުން ކަންކަން ކުރުމަށް އަޅުގަނޑު އައްޔަން ކުރުމުން އަމާނާތްތެރިކަމާއެކު، އެ ފައިސާ ފާރިސް މެދުވެރިކޮށް ރައީސް މައުމޫނާ އެކި ފަހަރު މަތިން ހަވާލުކުރިން" ދިޔާނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަމާނާތްތެރިކަމުގެ އަގަކީ ރައީސް މައުމޫންގެ ސިޔާސީ މެޝަނަރީ ބޭނުން ކުރައްވައިގެން ހަގީގަތް އެއްފުށުން އަނެއް ފުށަށް ޖައްސަވާ ތެދު ބުނާ މީހާއަކީ ދޮގު ބުނާ މީހާގެ ގޮތުގައި ތަމްސީލްކޮށް އެމީހާޔަށް ފުރައްސާރަ ކުރިމަތިކު ރުންތޯ ދިޔާނާ ވަނީ ސުވާލު ކުރައްވާފައެވެ.
ޖާބިރު އަތުން 29 މިލިއަން ރުފިޔާގެ ލޯނެއް މައުމޫން ނެންގެވި ކަމަށް ތުހުމަތު ކުރައްވައި، އެ ލާރި ނުދައްކާތީ ޖާބިރު ވަނީ އެކި ފަހަރު މަތިން އެ ވާހަކަ ދައްކަވާފައެވެ.
ލާއިލާހަ އިއްލަﷲ ވަޙްދަހޫ ލާ ޝަރީކަލަހޫ……………………………….
ލާއިލާހަ އިއްލާ އަންތަ ސުބުޙާނަކަ އިންނީ ކުންތު މިނައްޟާލިމީން.
ޔާ ޒަލްޖަލާލި ވަލް އިކްރާމް.