މާފުށިން ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

މާފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ނައްތާލައިފިއެވެ.
އެގޮތުން 200 އަށްވުރެ ގިނަ ބަނގުރާ ފުޅި މާފުށިން އިއްޔެ ނައްތާލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނީ މާފުށި ޕޮލިސް ސްޓޭޝަނުގައި އިއްޔެ ނައްތާލާފައި ވަނީ 2019 ޑިސެމްބަރު 28 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ، އެކި ބްރޭންޑްތަކުގެ 37 ދަޅު ބިޔަރާއި 207 ބަނގުރާފުޅި ކަމަށެވެ.
މިތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ގިނަ އަދަދެއްގެ ބަނގުރާ އިއްޔެ ނައްތާލާފައިވާއިރު އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލުމަށް އޮކްޓޯބަރު މަހުގެ ތެރޭގައި ފުލުހުން ވަނީ ދޫނިދޫގައި ވެސް ހަރަކާތެއް ބާއްވާފައެވެ.
އެގޮތުން މިއަހަރުގެ ޖޫން މަހާއި ހަމައަށް ނައްތާނުލެވި ހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މިހަރަކާތުގެ ތެރެއިން ވަނީ ނައްތާލާފައެވެ.