ޚަބަރު

އެމްޕީއެލް ގެ ތެލުގެ ވައްކަމުގައި ތުހުމަތުވާ އެފްއެސްއެމްގެ މުވައްޒަފަށް ފިޔަވަޅު އަޅައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބޭނުންވާ ތެޔޮ ފޯރު ކޮށްދިނުމުގައި ހިންގި އަށް މިލިއަން ރުފިޔާގެ ވައްކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފަކު ސަސްޕެންޑު ކޮށްފިއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި އެމުވައްޒަފު ސަސްޕެންޑު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގެނައި ފުރަބަންދުގެ ދުވަސްތަކުގައި އެމްޕީއެލްގެ މުވައްޒަފުންތަކެއް އަށް މިލިއަން ރުފިޔާގެ ވައްކަމެއް ކޮށްފައިވާކަން ފަޅާ އަރުވާލީ އެކުންފުނީގެ އެއިރުގެ ޗެއާމަން މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ) އެވެ.

އެކުންފުނީގެ މުވައްޒަފުންތަކެއް ތެލުން ކުރަމުން އައި ވައްކަން ފަޅާއެރީ، ކޮވިޑް-19އާ ގުޅިގެން ކުންފުނީގެ އޮޕަރޭޝަންތައް މަޑުޖައްސާލާފައި އޮތް ދުވަސްވަރުގެ ބިލްތަކުން، އާއްމު މަސްތަކަށް ވުރެ ތިން މަހުގެ ތެރޭގައި ތެލަށް ކުރި ހޭދަ ބޮޑުވެފައިވާ ކަން ފެންނަން އޮތުމުންނެވެ. އަދި މިކަން ހިންގީ އެފްއެސްއެމްގެ މުވައްޒަފަކާއި ގުޅިގެންކަން ވަނީ ހާމަ ވެފައެވެ.

އެނގިފައިވާ ގޮތުގައި މިމައްސަލަ ބަލައިދޭން އެމްޕީއެލް އިން ވަނީ އެފްއެސްއެމް އަށް ހުށަހަޅާފައެވެ.

އޮންލައިން ނޫސް "މިހާރު" އަށް މައުލޫމާތު ދެމުން އެފްއެސްއެމް ގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ގަސަމް ވިދާޅުވެފައި ވަނީ މިމައްސަލައިގައި ތުހުމަތުވާ މުވައްޒަފާމެދު ވަނީ ފިޔަވަޅު އަޅާފައި ކަމަށާއި އެމްޕީއެލަށް ތެޔޮ ފޯރުކޮށްދީފައިވާ ހުރިހާ ބިލްތައް ބަލައި ކުންފުނިން މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!