ވީޑީއޯ ކޮންފަރެންސް މެެދުވެރިކޮށް ކައިވެނިކޮށްދިނުން ހުއްޓާލާ، ކޯޓުން ބޭރުގައި އަލުން ކައިވެނި ކޮށްދޭން ފަށައިފި

ކޮވިޑް-19 އާ ގުޅިގެން ހަމައެކަނި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށް ދިނުން ހުއްޓާލާއި ކޯޓަށް މީހުން ހާޒިރުކޮށްގެން ކައިވެނި ކޮށްދޭން ފަށައިފިއެވެ.
ފެމިލީ ކޯޓުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ 1 ޑިސެންބަރުން ފެށިގެން ކޯޓަށް މީހުން ހާޒިރުކޮށްގެން ކައިވެނި ކޮށްދޭން ފަށާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށް ދިނުން ހުއްޓާލާފައިވާ ކަމަށާއި ކޯޓުން ބޭރުގައި ކައިވެނީގެ މަޖިލިސް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސާ މީހުންނަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމުގެ ކަންކަން ހަމަޖެހިފައިވާ ކަމަށެވެ.
ނަމަވެސް ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމުގެ ހުއްދަ ދެވޭނީ ކޯޓުން ކަނޑައަޅާ އުސޫލާއި އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ. އަދި މިގޮތަށް ކައިވެނީގެ މަޖިލިސް ބާއްވާ ތަން އެފަދަ މަޖިލީހެއް ބޭއްވުމަށް އެކަށީގެންވާ ގޮތަށް، އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުންނަ މީހުން ދިރިނޫޅޭ ތަނަކަށް ވާން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ކޯޓަށް މީހުން ހާޒިރުކޮށްގެން ކައިވެނި ކުރުމާއި ކޯޓުން ބޭރުގައި ކައިވެނި ކޮށް ދިނުން ފެމެލީ ކޯޓުން ވަނީ ހުއްޓާލާފައެވެ. މިދިޔަ ދުވަސްތަކުގައި ކައިވެނިކޮށް ދެމުން ގެންދިޔައީ އޮންލައިން ކޮށެވެ.