ޚަބަރު ރައްޔިތުންގެ މަޖިލިސް

2013 ވަނަ އަހަރު އިންތިޚާބު 4 ފަހަރަށް ބަދަލުކޮށް، ޕީޕީއެމް އިން 7 އަހަރު ދުވަހު ވެރިކަން ކުރި: ނަޝީދު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ޕްރޮގްރަސިވް ޕާޓީ އޮފް ދަ މޯލްޑިވްސްއިން ސްޕްރީމް ކޯޓް މެދުވެރިކޮށް 4 ފަހަރަށް 2013 ވަނަ އަހަރުގެ އިންތިޚާބު ބަދަލު ކުރެއްވި ކަމަށާއި އަދި އެއާއެކު ޖުމްލަ 7 އަހަރު ދުވަހު ޕީޕީއެމްއިން ވެރިކަން ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ނަޝީދު މިހެން ވިދާޅުވެފައި ވަނީ، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް އާ މިއަދުގެ މަޖިލީހުގައި ސުވާލު ކުރުން ކުރިޔަށް ދަނިކޮށް، ކެޔޮދޫ ދާއިރާގެ މެމްބަރު ހަސަން ގާސިމް ނެންގެވި ނިޒާމީ ނުކުތާއަކަށް ޖަވާބު ދެއްވަމުންނެވެ.

"އަޅުގަނޑުގެ ކުރީގެ ނައިބު ރައީސް، ޕީޕީއެމްގެ ވާގިވެރިކަމާއެކީގައި ސަރުކާރު ބަދަލު ކުރައްވާފައި، ދެ އަހަރު ވެރިކަން ކުރައްވާފައި، ދެން 2013 ވަނަ އަހަރުގެ އިންތިޚާބު 4 ފަހަރަށް ސްޕްރީމް ކޯޓުން ބަދަލު ކުރައްވާފައި ޕީޕީއެމްއަށް ވެރިކަން ލިބުނީ 3 ޕަސެންޓްގެ ޖާގައިން. ދެން އެ 5 އަހަރު ވެރިކަން ކުރީ ޕީޕީއެމްއިން" ނަޝީދު ވިދާޅުވިއެވެ.

މެމްބަރު ހަސަން ގާސިމް ނިޒާމީ ނުކުތާއެއް ނަންގަވާ އެއްސެވީ، ކުރީގައި އޮތީ ކޮން ޕާޓީއެއްގެ ސަރުކާރެއްތޯ ސާފު ކުރެއްވުމަށެވެ. މިގޮތަށް ގާސިމްގެ ނިޒާމީ ނުކުތާ ނެންގެވީ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު، ފައިނުގައި ޕީޕީއެމްގެ ވެރިކަމެއްގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ވިދާޅުވުމުންނެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުނު ވަގުތު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ ނަން ވަނީ އިއްވާފައެވެ. މެމްބަރު ޝަރީފްގެ ނަން އިއްވީ، އެތައް ފަހަރަކު މަޖިލީހުގެ ތެރޭގައި އަޑުމަޑު ކުރެއްވުމަށް ރައީސް ނަޝީދު އިލްތިމާސް ކުރެއްވުމަށް ފަހުއެވެ. މައުލޫމާތު ލިބޭ ގޮތުގައި މެމްބަރު ޝަރީފް މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކޮށްފައި ވަނީ ފުލުހުންގެ ގާނޫނަށް ރައީސް ނަޝީދު ހުށައަޅުއްވާފައިވާ އިސްލާހަކާ ގުޅިގެންނެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!