ސަޢުދީގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ އިސްރާއީލަށް ދީފި
ޔޫއޭއީއަށް ދަތުރު ކުރުމުގައި އިސްރާއީލުގެ މަތިންދާ ބޯޓުތަކުން ސަޢުދީ ޢަރަބިއްޔާގެ ވައިގެ ސަރަޙައްދު ހުރަސް ކުރުމުގެ ހުއްދަ އެ ޤައުމުން ދީފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ. ސަޢުދީ ޢަރަބިއްޔާއިން އެގޮތަށް ނިންމާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ އިސް މުޝީރު ޖެރެޑް ކުޝްނާއާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުގެ އިސް ފަރާތްތަކާ ދެމެދު ބޭއްވި މަޝްވަރާތަކަކަށް ފަހުގައެވެ.
ކުޝްނާ ސައުދީއަށް ކުރައްވާ ދަތުރުފުޅުގައި އޭނާއާއެކު އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުން ކަމަށްވާ އާވީ ބާކޮވިޓްޒްއާއި ބްރިއަން ހޫކް ބައިވެރިވެއެވެ. ސައުދީއަށް ވަޑައިގެންތާ މާގިނައިރުތަކެއް ނުވަނީސް ކުޝްނާއާއި އޭ ނާގެ ވަފުދުންވަނީ އިސްރާއީލުގެ ބޯޓުތަކަށް ސަޢުދީ ޢަރަބިއްޔާގެ ވައިގެ ސަރަޙައްދުގައި ދަތުރުކުރުމާ ގުޅޭގޮތުން ސަޢުދީގެ އިސް ފަރާތްތަކާއެކު މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލު ކުރުމަށް ފަހު އެމެރިކާއިން ބުނީ މަޝްވަރާގެ ނަތީޖާ ކާމިޔާބު ކަމަށާއި މައްސަލައަށް ޙައްލެއް ހޯދިފައިވާ ކަމަށެވެ.
ސަޢުދީ ޢަރަބިއްޔާގެ ވައިގެ ސަރަޙައްދު ބޭނުން ކުރުމުގެ ހުއްދަ އިސްރާއީލަށް ދީފައި ވަނީ އިސްރާއީލުން ޔޫއޭއީއަށް ފުރަތަމަ ކުރާ ކޮމާޝަލް ދަތުރު ފެށުމަށް ހަމަޖެހިފައިވާ ވަގުތުގެ މަދު ގަޑިއިރުކޮޅެއްގެ ކުރިންނެވެ. ސަޢުދީ ޢަރަބިއްޔާގެ މަތިން ދަތުރު ކުރުމުގެ ހުއްދަ ނުލިބުނުނަމަ އެ ދަތުރު ކެންސަލް ކުރަން ޖެހޭނެކަމަށް އޮތީ ބެލެވިފައެވެ.
އެމެރިކާގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ ސަޢުދީ ޢަރަބިއްޔާގެ ވައިގެ ސަރަޙައްދު ބޭނުން ކުރުމުގެ ހުއްދަ ލިބުމުން އިސްރާއީލުގެ މަތިންދާ ބޯޓުތަކުގައި އިސްރާއީލާއި ޔޫއޭއީއާ ދެމެދު ކުރާ ދަތުރުތަކުގައާއި އިސްރާއީލާއި ބަހުރައިނާ ދެމެދު ކުރާ ދަތުރުތަކުގައި ދިމާ ވެދާނެ ހުރިހާ މައްސަލައެއް ޙައްލު ވެފައިވާ ކަމަށެވެ.
އެމެރިކާ މެދުވެރިވެ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޔޫއޭއީއިން ވަނީ އިސްރާއީލާއެކު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭގެ ފަހުން ބަހުރައިނުން ވެސް ވަނީ އިސްރާއީލާއެކު ގުޅުން ބަދަހި ކުރުމަށް އެއްބަސްވެފައެވެ. އެމެރިކާއިން އިސް ދައުރެއް އަދާކޮށް އެކުލަވާލާފައިވާ އެ އެއްބަސްވުންތަކުގެ ބޭނުމަކީ މެދުއިރުމަތީގެ ޤައުމުތަކާއެކު އީރާނާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށް ބެލެވެއެވެ. އެ ދެ ޤައުމުން އިސްރާއީލާއެކު ގުޅުން ބަދަހިކު ރުމުން ފަލަސްޠީނުގެ ރައްޔިތުން ވަނީ އޭގެ ސަބަބުން މިނިވަން ދަޢުލަތެއް ޤާއިމްކުރުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅޭކަމަށް ބުނެ އެކަމާ ނުރުހުން ފައުޅު ކޮށްފައެވެ. އިސްރާއީލާއި ޔޫއޭއީއާ ދެމެދު ސީދާ ދަތުރުތައް ފެށުމަކީ ދެ ޤައުމުގެ ދެމެދުގައި ޤާއިމް ކޮށްފައިވާ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމުގެ ނަތީޖާއެކެވެ.
ކުޝްނާއާއި އޭނާގެ ވަފުދު ސަޢުދީ ޢަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގައި އެ ޤައުމުގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި ކުވައިތުގެ އަމީރާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ކުޝްނާގެ ދަތުރުފުޅުގެ މައިގަނޑު އެއް މަޤުސަދަކީ ތިން އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެން ގޮސްފައިވާ ގަލްފުގެ މައްސަލައަށް ޙައްލެއް ހޯދުމެވެ.