ލައިފްސްޓައިލް

އަނބުގެ އޮށުން ހަދާފަ ހުރި ހެދުމެއް ދުވަހަކު ވެސް ދުށިންތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އޮސްޓެރޭލިއާގެ ކުއީސްންލޭންޑަށް އުފަން ޖެސިކާ ކޮލިންސް ނަމަކަށް ކިޔާ އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކު ވަނީ ވަަރަށް އާދަޔާ ޚިލާފު ހެދުމެއް ހަދާފައެވެ.

Ads by STELCO

ޖެސިކާގެ މައިންބަފައިން ކަމުގައިވާ ކައިލީ ކޮލިންސް އާއި ސޭމް ކޮލިންސްގެ އަމިއްލަ ދަނޑެއް ހުރެއެވެ. އެދަނޑުގައި އަޅާ 1000 ވަރަކަށް އަނބު އެމީހުން ކޮންމެ އަހަރަކު އެކި ސުޕަރމާކެޓުތަކަށް ފޮނުވަމުން ދިޔައެެވެ.

ނަމަވެސް ކޮންމެ އަހަރަކުވެސް ފާވެފައި ހުންނަ އެތައް ބައިވަރު އަނބާއި އަނބު ކައިފަ އޭގެ އޮށްތައް ވެސް އުކާލާތީ ޖެސިކާ ވަރަށް ބޮޑަށް ކަންބޮޑުވެ އެކަމަށް ހައްލެއް ހޯދުމަށް ނިންމިއެވެ.

ޖެސިކާ ތައްޔާރުކުރި މިހެދުމަށް 1400 އަނބުގެ އޮށް ބޭނުން ކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

"މީހުންނަށް މިހެދުން ފެންނަ ކޮންމެ ފަހަރަކު ހުންނަނީ ވަރަށް ބޮޑަށް ހައިރާން ވެފަ. އެތައް ބައިވަރު ފާވެފައި ހުންނަ އަނބާއި އޭގެ އޮށްތައް ވެސް ކޮންމެ އަހަރަކު އުކާލާފައި ހުންނަތަން ފެނޭ. އަހަރެން ދެކޭ ގޮތުގައި އެއީ ވަރަށް ބޮޑަށް އިސްރާފު ކުރުން. އެހެންވެ، ކާބޯތަކެތި އެގޮތަށް އިސްރާފު ކުރަން ބޭނުން ނުވާތީ އަހަރެން މިހެދުން ތައްޔާރު ކުރަން ނިންމީ" ޖެސިކާ ބުނެފައި ވެއެވެ.

ސިޑްނީގެ ވަރޫންގާގައި ހުންނަ އަބޮޓްސްލޭ ބޯޑިންގ ސްކޫލްގައި، ގްރޭޑް 12 ގައި ކިޔަވަމުންދާ ޖެސިކާ މިހެދުން ހަދާފައި ވަނީ "ޑިޒައިން އެންޑް ޓެކްނޮލޮޖީ" ޕްރޮޖެކްޓަކަށެވެ.

މިހެދުން ތައްޔާރު ކުރުމަށް އެންމެ ޖެސިކާ އެންމެ ފުރަތަމަ އެ އަނބުތަކުގެ ތޮށިމަށާ، އަނބުތަކުން ސްމޫތީ ހެދިއެވެ. އަދި އޮށްތައް ހިއުމިޑިފަޔަރ އަކުން ހިއްކާކުމަށްފަހު ފޮތިފޮތި ކުރިއެވެ.

އެއަށްފަހު ކޯސެޓެއްފަހާ، އޭގައި އަނބުގެ އޮށްތައް ހަރުކުރަން ފެށީ ކަމަށް ޖެސިކާ ބުނެފައި ވެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!