ފުލުހުންނަށް ހަތިޔާރު ގެންގުޅުމުގެ ބާރު ލިބިދޭ ގޮތަށް ކޮމިޓީން ބިލް ފާސްކޮށްފި

ލީތަލް ހަތިޔާރު ފުލުހުންނަށް ގެންގުޅެވޭ ގޮތަށް ބިލް ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެ ބިލް ފާސްކޮށްފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ފުލުހުންގެ ހިދުމަތުގެ ބިލް ދިރާސާކޮށް އެކުލަވާލި ރިޕޯޓުގައި، ފުލުހުންނަށް ލީތަލް ހަތިޔާރު ގެންގުޅުމުގެ ބާރު ލިބިދޭ މާއްދާއަށް މާ ބޮޑު ބަދަލުތަކެއް ނުގެނެސް މާއްދާ ހިމެނޭ ގޮތަށް ބިލް އެކުލަވާފައިވެއެވެ.
އެގޮތުން ފުލުހުންނާ މަތިކޮށްފައިވާ ޒިންމާ އަދާ ކުރުމަށްޓަކައި ހޯމް މިނިސްޓަރުގެ ހުއްދައާއެކު ކޮމިޝަނާ އޮފް ޕޮލިސް ކަނޑައަޅާ ހަތިޔާރެއް ގެންގުޅުމުގެ ބާރު ފުލުހުންނަށް ލިބިދޭ ކަމަށް އެރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ.
އަލަށް އުފެއްދި މިޤަވާއިދުގެ ދަށުން ހޯމް މިނިސްޓްރީން އެކަމާ ބެހޭ ގަވާއިދެއް ވެސް އެކުލަވާލަން ޖެހޭ ކަމަށާއި އެ ގަވާއިދުގައިވާ ގޮތެއްގެ މަތިން އެ ހަތިޔާރުތައް ރާއްޖެއަށް އެތެރެކުރުމާއި، ހޯދުމާއި، ގަތުމާއި، ލިބިގަތުމާއި، ގެންގުޅުމާއި، ބޭނުން ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ.
މީގެއިތުރުން އެރިޕޯޓުގައި ބަޔާން ކޮށްފައި ވަނީ، ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ އުސޫލުތަކާ އެއްވެސް ފުލުހަކު ހިލާފު ވެއްޖެނަމަ އެ ފުލުހަކު ކުރަނީ ޖިނާއީ ކުށެއް ކަމަށެވެ.