ސެލޫނެއްގެ ތެރޭގައި ބަދުއަޚްލާޤީ ޢަމަލު ހިންގަންތިބި ދިވެއްސަކާ ދެ ބިދޭސީއަކު ހައްޔަރު ކޮށްފި

މާލާގައި ހިންގާ ބިއުޓީ ސެލޫނެއްގެ ތެރޭގައި ބަދުއަޚްލާޤީ ޢަމަލު ހިންގި ދިވެހި ފިރިހެނަކާއި ބިދޭސީ ދެ އަންހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާލުވީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2 ޑިސެމްބަރު 2020 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ބިއުޓީ ސެލޫނެއްގެ ޚިދުމަތްދޭ ތަނެއްގެ ގޮތުގައި މާލޭގައި ހިންގަމުން ދިޔަ ތަނަކުން ބިދޭސީ ދެ އަންހެނަކާއި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
އެމީހުން ހައްޔަރު ކުރީ ބަދުއަޚްލާޤީ ޢަމަލު ހިންގަން ތިބުމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
މިމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.