ޕޮލިސް ބޯޑު އެކުލަވާލާތާ 4 މަސްތެރޭ ތުހުމަތުކުރެވޭ ފުލުހުންނާ މެދު ގޮތެއް ނިންމާ އިސްލާހާއެކު ބިލް ފާސްކޮށްފި
ޕޮލިސް ބޯޑް އެކުލަވާލާ ދުވަހުން ފެށިގެން 4 މަސް ދުވަހުގެ ތެރޭގައި ޤާނޫނަށް އަމަލުކުރަން ފަށާ، ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބި އޮފިސަރުންގެ ތެރެއިން އެކިއެކި ތުހުމަތުކުރެވޭ ފުލުހުންނާ މެދު ގޮތެއް ކަނޑައަޅަންވާނެ ކަމަށް ހުށަހެޅި އިސްލާހާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މި ބިލް ފާސްކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ހަވީރު ބޭއްވި ޖަލްސާގައެވެ. ޖަލްސާގައި މިބިލަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ ވަނީ ދެ އިސްލާހެއް ހުށަހަޅުއްވާފައެވެ. އީވާ ވަނީ އެބިލްގެ 75 ވަނަ މާއްދާއަށް ހުށަހެޅުއްވި އިސްލާހާއި، ބިލްގެ 3 ވަނަ މާއްދާގެ (ނ) އަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައެވެ.
އެއިސްލާހުގައި ބުނެފައިވަނީ ޕޮލިސް ބޯޑުން ފުލަހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚުތިޔާރު ނަހަމަގޮތުގައި ބޭނުންކުރާ އޮފިސަރުންނާ މެދު ގޮތެއް ނިންމާ ތަންފީޒު ކުރެވެންދެން ޤާނޫނަށް އަމަލުކުރަން ފެށިއިރު އެމީހުން ތިބި އެރޭންކުތަކުގައި ދެމިތިބޭނެ ކަމަށެވެ.
އަދި މިއޮފިސަރުން ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓް ކުރެވިފައިވާ އޮފިސަރުންނަކީ އެމަގާމުތަކަށް ގާބިލް އަދި މަގާމާ އެކަށޭނެ ހުނަރާއި މަސައްކަތުގެ ތަޖުރިބާ އާއި ނަޒާހާތްތެރިކަން ހުރި އޮފިސަރުން ކަމާމެދު ޕޮލިސް ބޯޑުން ގޮތެއް ކަނޑައަޅަންވާނެ ކަމަށެވެ.
ހުށަހެޅުނު ދެ އިސްލާހާއެކު މި ބިލް ފާސްކޮށްފައި ވަނީ ބައިވެރިވެ ވަޑައިގެންނެވި 59 މެމްބަރުންގެ އިއްތިފާގުންނެވެ.