ޚަބަރު ރައްޔިތުންގެ މަޖިލިސް

ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި މުއައްސަސާތައް އެކުގައި މަސައްކަތްކުރުމަށް ފާސްކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ފޮޓޯ: އަވަސް

ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ހުރިހާ މުއައްސަސާތަކެއް އެކުގައި ގުޅިގެން މަސައްކަތް ކުރުމަށާއި، އެނޫނީ އެދެވޭ ނަތީޖާއެއް ނުފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

Ads by Hajj Corporation

"އަނިޔާއިން ކުޑަކުދިން ރައްކާތެރި ކުރުމަށްއެދި ހުށަހަޅާފައިވާ ޕެޓިޝަން" ގެ ނަމުގައި  ވޮއިސް އޮފް ޗިލްޑްރެންގެ ފަރާތުން އިކްލީލާ ޙަމީދު ހުށަހެޅުއްވި ޕެޓިޝަން ދިރާސާ ކުރުމަށް ފަހު އެކުލަވާލި ކޮމިޓީގެ ރިޕޯޓުގައި ތިން ކަމެއް ވަނީ ފާހަގަ ކޮށްފައެވެ.

ފުރަތަމަ ކަމަކަށް ކޮމިޓީން ފާހަގަ ކޮށްފައިވާ ކަމަކީ ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކަކީ ގިނަ މުއައްސަސާތަކެއް އެކުގައި މަސައްކަތް ކުރުމުން ނޫނީ އެންމެ އެދެވޭ ނަތީޖާއަކާ ހަމައަށް ވާޞިލްވެވޭނެ ކަމެއް ނޫންކަމަށް ވުމާއެކު، އެ މުއައްސަސާއަކުން ހޯދާ މަޢުލޫމާތުތައް އަނެއް މުއައްސަސާތަކަށް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް އެކުގައި މުޢާމަލާތް ކުރެވޭނެ އިންތިޒާމެއް ޤާއިމް ކުރުމަށެވެ.

އަދި ކުޑަކުދިންނަށް ދެވޭ އަނިޔާތައް ފެށެނީ އާއިލާގެ ތެރެއިންނާއި އެ ކުދިން އުޅޭ މާޙައުލުގެ ތެރެއިން ކަމަށާއި، އެ ކުދިން ސަލާމަތް ކުރެވޭނީ މުޖްތަމައުގެ ފަރުދުން ހޭލުންތެރި ކުރުވައިގެންކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން މިފަދަ އަނިޔާ ލިބޭ ކުދިން ދެނެގަނެ، މިފަދަ ޢަމަލުތައް ރިޕޯޓްކޮށް އެ ކުދިންނާ ދޭތެރޭ އެހެން ފަރުދުންގެ ޢަމަލުތައް ބަހައްޓަންވީ ގޮތާ ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ސަރުކާރުގެ އިދާރާތައް ގުޅިގެން ހިންގުމުގެ މުހިންމުކަން ވަނީ ބަޔާން ކޮށްފައެވެ.

އަނިޔާގެ ޝިކާރައަކަށް ކުޑަކުއްޖަކު ވެއްޖެނަމަ ރިޕޯޓް ކުރާނެ ފަރާތްތަކާއި އެފަދަ ޢަމަލުތައްކުރާ ފަރާތްތަކާ ދުރުހެލިވުމަށް ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ޕްރޮގްރާމްތައް ހިންގުމަށް ވެސް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

މި ރިޕޯޓް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ އިއްތިފާގުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!