ރާސްތާ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެވަނަ މީހަކު ނިޔާވެއްޖެ
ގދ. ތިނަދޫ ފަޅުތެރޭގައި އަޅާފައި އޮތް ރާސްތާ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެވަނަ މީހަކު ނިޔާވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު 00:34 ހާއިރެވެ. ގޭސް ފުޅިއަކުން ގޭސް ލީކު ވެގެން ހިނގި މިހާދިސާގައި ހަތަރު މީހަކު ފިހިފައި ވެއެވެ، އެހަތަރު މީހުން ވެސް އެއިރު ވަނީ ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.
މިއަދު ހެނދުނު 08:45 ހާއިރު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވެފައި ވަނީ އުމުރުން 33 އަހަރުގެ މީހެކެވެ.
މިއަދު ނިޔާވި މީހާގެ ހަށިގަނޑުގެ ބޮޑުބައެއް ފިހިފައިވާ ކަމަށާއި ހަށިގަނޑުން ފިހިފައި ހުރި ތަންތަނުގެ ހަމުގެ އިންފެކްޝަން ހުރި ކަމަށާއި އޭނާގެ ސިކުނޑި އާއި ފުއްޕާމޭގައި ވެސް އިންފެކްޝަން ހުރި އިރު ލޭ ހަރުވެ ލޭ ދައުރުވުމުގެ ދަތިކަން ހުރި ކަމަށް މީގެ ކުރިން ޑޮކްޓަރުން ބުނެފައިވެއެވެ.
މި ހާދިސާގައި ފިހުނު އެކަކު މީގެ ކުރިން ވެސް ނިޔާވެފައި ވެއެވެ. އެ މީހާ ނިޔާވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. ނިޔާވި މީހާގެ ހަށިގަނޑުގެ 60% އަށްވުރެ ބޮޑު ބައެއް އެއިރު ފިހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون