ކެމްޕޭނަށް ރަށްރަށަށް ދިޔުމަށް ހުއްދަ ހޯދަން އިދިކޮޅުން މައިމޫނާއާ ބައްދަލު ކޮށްފި
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބަށް ކެމްޕޭނު ކުރުމަށްޓަކައި ރަށްރަށަށް ދިޔުމުގެ ހުއްދަ ހޯދަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ލީޑަރޝިޕުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާ ބައްދަލު ކުރައްވައިފިއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ރަށްރަށަށް ދަތުރު ކުރުން ކޮންމެވެސް މިންވަރަކަށް ހިފަހައްޓާފައިވެއެވެ. ނަމަވެސް ސަރުކާރުގެ ބައެއް އިސްވެރިންނަށް އެޗްޕީއޭ އިން ދަނީ ޚާއްސަ ހުއްދައެއް ދެއްވަމުންނެވެ. އެފަދަ ހުއްދައެއް އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްއަށް ނުލިބޭތީ އެ ކަމުގެ ޝަކުވާ އެ ކޯލިޝަނުން ދަނީ ކުރަމުންނެވެ.
މިއަދު މައިމޫނާއާ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާޢު ވިދާޅުވީ ސަރުކާރުގެ އިސް ބޭފުޅުން ކަރަންޓީނު ވުމެއް ނެތި ރަށްރަށަށް އެރޭނަމަ އެ ފުރުސަތު އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕަށް ވެސް އޮންނަން ޖެހޭނެ ކަމަށާއި ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ހަމަހަމަ ފުރުސަތު ދެވެން ޖެހޭނެ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ސަރުކާރުގެ އިސް ބޭފުޅުން ރަށްރަށަށް ވަޑައިގެން ކެމްޕޭން ވެސް ކުރައްވާ ކަމަށާއި އެ ފުރުސަތު އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕަށް ވެސް ދިނުމަށް އެދި އެޗްޕީއޭއަށް ސިޓީއެއް ވެސް ފޮނުވާފައިވާނެ ކަމަށެވެ. މިއަދު މައިމޫނާއާ އިދިކޮޅު ލީޑަޝިޕުން ބައްދަލު ކުރެއްވީ، އެސިޓީގެ ޖަވާބު މިހާތަނަށް ވެސް ލިބިފައި ނުވާތީ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
"އެޗްޕީއޭއަށް ސިޓީއެއް ވެސް ފޮނުވާފައިވާނެ، މި ހަފްތާ ތެރޭގައި އެ ސިޓީއަށް ޖަވާބު ލިބޭނެ ކަމަށް އުއްމީދު ކުރެވޭ، އެޗްޕީއޭގެ ބޭފުޅުން ވިދާޅުވި ދާން ބޭނުންވާ ރަށްރަށާއި ދާނެ ލީޑާޝިޕްގެ ބޭފުޅުންގެ ނަންތަކާއި، ދާން ބޭނުންވާ ތާރީހުތައް ދެއްވާށޭ، އެ ކަން ފުރިހަމަކޮށްލާނަން މިއަދު، ފުރިހަމަކޮށްފައި އެޗްޕީއޭއަށް ލުމުން އެ މަރުހަލާ އެޗްޕީއޭއިން ޕްރޮސެސް ކޮށްދެއްވާނެ ކަމަށް އުއްމީދު ކުރަން،" ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ވިދާޅުވިއެވެ.