5 މަހަށް ފަހު ބަލެޓޮލީ ޓީމަކަށް ސޮއިކޮށްފި
އިޓަލީ އަށް ނިސްބަތްވާ ހުނަރުވެރި ފޯވާޑު މާރިއޯ ބަލޮޓެލީ ސިރީ ބީގެ ޓީމެއް ކަމުގައިވާ މޮންޒާ އަށް ސޮއި ކޮށްފިއެވެ.
އުމުރުން 30 އަހަރުގެ ބަލޮޓެލީ މީގެ ކުރިން ކުޅުނު ބްރެސްކިއާ އާ ޖުލައި މަހުގެ ތެރޭގައި ވަކިވިފަހުން އެއްވެސް ޓީމަކަށް ސޮއި ނުކުރާތާ 5 މަސް ދުވަސް ފަހުން މޮންޒާ އަށް ސޮއި ކޮށްފައި ވަނީ މި ސީޒަން ނިމެންދެން އެގްރިމެންޓުގެ މުއްދަތު ހަދައިގެންނެވެ.
އޭނާ މޮންޒާ އަށް ސޮއި ކުރިއިރު އެ ކްލަބުގެ މެނޭޖަރެއްގެ ގޮތުގައި މިހާރު ހުރީ މީގެ ކުރިން ބަލޮޓެލީ އަށް އޭސީ މިލާނުގައި އިރުޝާދު ދިން އަޑްރިއާނޯ ގަލިއާނީއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ބަލޮޓެލީ އެ ކްލަބަށް ސޮއި ކުރުމުގައި ކޯޗު އަޑްރިއާނޯގެ ދައުރު ވަރަށް ބޮޑެވެ. ހޮނިހިރު ދުވަހު އަޑްރިއާނޯ ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ބަލޮޓެލީ އާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، ހޯމަ ދުވަހު ބަލޮޓެލީ އެ ކްލަބުގެ މެޑިކަލް ޓެސްޓުތަކުން ފާސްވުމާއެކު މިހާރު ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.
މޮންޒާ އަކީ އަންނަ ސީޒަނުގައި ސިރީއޭ އަށް ޕްރޮމޯޓުވުމަށް އަމާޒު ހިފާފައިވާ ކްލަބެއް ކަމުގައިވާއިރު، ބަލޮޓެލީ ބުނެފައި ވަނީ ކްލަބުގެ އަމާޒަށް ވާސިލްވުމަށްޓަކައި އޭނާ އަށް ކުރެެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ބަލޮޓެލީ އަކީ ހުނަރުވެރި ފޯވާޑެއް ނަމަވެސް، ފަހަކަށް އައިސް އޭނާ ވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކްލަބުތަކެއް ތަމްސީލް ކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.