ގިނަ އަދަދެއްގެ ސަފީރުންނާ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވައިފި
ދެކުނު އެމެރިކާ އަދި އިރުމަތީ ޔޫރަޕްގެ ބައެއް ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ ، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު މިއަދު ވަރޗުއަލްކޮށް ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ކިއުބާ އަދި މެކްސިކޯއިން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންގެ އިތުރުން ސަރބިއާ އަދި އާޖެންޓީނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަންތައް ހިންގުމާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގަތް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެމިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުއާއި ސަފީރުން ވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުންނާއި، ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.
މިއަދުގެ މި ބައްދަލުވުމަކީ ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިސްނަންގަވައިގެން ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ. މި ސިލްސިލާގެ ދަށުން މީގެ ކުރިންވެސް އެކި ސަރަހައްދުތަކުގެ ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު ފޮރިން މިނިސްޓަރު ވަނީ ވަރޗުއަލް ބައްދަލުވުންތައް ބާއްވަވާ، މަޝްވަރާތައް ކުރައްވާފައެވެ.