ޚަބަރު

މަސްތުވާތަކެތީގެ އޮޕަރޭޝަން: 2 ގޯންޏަކާއި 2 ލަގެޖަކަށް އަޅާފަހުރި 71 ކިލޯގެ ޑްރަގް އަތުލައިގެންފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގެ ތެރެއިން/ ފޮޓޯ: ދެން

މިއަދު ހަވީރު މާލޭ ފަރީދީ މަގުގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަންގައި 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއޮޕަރޭޝަނުގައި ގާތްގަނޑަކަށް 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، އެތަކެތި ހުރީ ދެ ގޯންޏަކަށާއި ދެ ލަގެޖަކަށް އަޅާފައި ކަމަށެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އެހެން ޔުނިޓުތަކަކުން ކުރިއަށް ގެންދިޔަ މިއޮޕަރޭޝަންގައި، އެތަކެތި ފެނިފައިވަނީ ކާރެއްގެ ޑިކީ ތެރެއިންނެވެ. މިމައްސަލައިގެ ތުހުމަތުގައި 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިއޮޕަރޭޝަން ފުލުހުން ކުރިއަށް ގެންގޮސްފައިވަނީ ފަރީދީ މަގު ބަންދުކޮށްގެންނެވެ.

މިއޮޕަރޭޝަނާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފަރީދީމަގުގެ ބޮޑު ބައެއް ފުލުހުން ބަންދުކޮށްފައި ވަނީ ރާއްޖެ ސުމަގުލްކޮށްފައިވާ ކަމަށް ބެލެވޭ މަސްތުވާތަކެތި އެ ސަރަހައްދުގައި އޮތް ކާރަކުން ފެނިގެން ފޮރެންސިކް ތަހުލީލުތަކެއް ކުރުމަށް ކަމަށެވެ.

މިއީ ފުލުހުންގެ އެކި ޔުނިޓްތައް ގުޅިގެން، ކަނޑާއި އެއްގަމުގައި ހިންގި އޮޕަރޭޝަނެއް ކަމަށާއި އެ އޮޕަރޭޝަންގައި ޑްރަގު ނެޓްވޯކެއްގައި ހިމެނޭ 10 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވެފައިވެއެވެ.

"މި މަސްތުވާތަކެތި ހޯދުމަށް ޑްރަގް އިންޓަލިޖެންސް އާއި މެރިން ފުލުހުން ކަނޑާއި އެއްގަމުގައި އޮޕަރޭޝަން ހިންގަމުންދާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެދާނެ" ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!