މަޖިލީހުގެ ރައީސްއާއި ގައުމުގެ ރައީސް އެއްބަސްވެވިއްޖެ ނަމަ ވެރިކަމުގެ ނިޒާމް ބަދަލު ކުރެވޭނެ - ނިހާދު
ނިޒާމް ބަދަލު ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ގައުމުގެ ރައީސްއާ މަޝްވަރާކޮށް އެއްބަސްވެވިއްޖެ ނަމަ ދެން ކުރަން ހުރިކަންކަން ކުރެވޭނެ ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވެފައި ވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ޓްވީޓް ރީޓްވީޓް ކުރައްވަމުންނެވެ. އެ ޓްވީޓަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވީ، ވޯޓަކުން ނިންމި ކަމެއް ވޯޓަކުން ބަދަލުވެސް ކުރެވޭނެ ކަަމަށެވެ.
ޓްވީޓްގައި ރައީސް މައުމޫން ވިދާޅުވެފައި ވަނީ ދެ މީހަކު މަޝްވަރާ ކޮށްގެން ރާއްޖޭގައި އޮންނާނެ ވެރިކަމުގެ ނިޒާމު ކަނޑަނޭޅޭނެ ކަމަށެވެ. މައުމޫން މިހެން ވިދާޅުވެފައި ވަނީ ، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެންމެ ފުރަތަމަ މަޝްވަރާ ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްއާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
މަޖިލީހުގެ ރައީސަށް ސުވާލު ކުރަން އާންމުކޮށް ހުޅުވާލައި ރޭ ބޭއްވި ޕްރޮގްރާމްގައި ރައީސް ނަޝީދާ މީހަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި
ނަޝީދު ވިދާޅުވީ ސިޔާސީ ކަންކަމުގައި އަބަދުވެސް އެންމެ ފުރަތަމަ މަޝްވަރާ ކުރައްވާ ބޭފުޅަކީ މިހާރުގެ ރައީސް ސޯލިހް ކަމަށެވެ.