ކޮވިޑާ ގުޅޭ ސަރުކާރުގެ 34 ކޮރަޕްޝަންގެ މައްސަލައެއް
ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ހިންގި އެކި ކަންކަމުގެ ތެރެއިން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބެލެވޭ 34 މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ދެއްވި ހިތޯބުގައެވެ.
އޭނާ ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ބޮޑު ހޭދައެއް ކުރަމުން ގެންދާ ދުވަސްވަރެއް ކަން ފާހަގަ ކުރައްވައި ކިތަންމެ ބޮޑު ނުރައްކާތެރި ބަލިމަޑުކަމެއްގައި ވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުން އެއްވެސް އިންސާނިއްޔަތުކަމެއް ނެތި ރައްޔިތުންގެ ފައިސާ އާއި މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ފަސް ނުޖެހޭކަން ހާމަވެގެންދިޔަ ކަމަށް ވިދާޅުވެފައެވެ.
އަދި ބަލިމަޑުކަމުގެ ދުވަސްވަރުގައި ވެސް ފެނިގެން ދަނީ ކޮރަޕްޝަންގެ ސަބަބުން އެ ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅިގެންދާ މިންވަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝިއުނާ ވިދާޅުވީ އޭސީސީގެ އަމާޒަކީ ވަކި ޕާޓީއަކަށް ނުބަލައި، ކޮރަޕްޝަނުން ނާޖާއިޒް ފައިދާ ހޯދާ އެންމެނަށް ފިޔަވަޅު އެޅުން ކަމަށެވެ.
"އޭސީސީގެ އަމާޒަކީ ރައްޔިތުންގެ ފައިސާއިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާ މެދު މަގާމަށް ނުވަތަ ނިސްބަތްވާ ޕާޓީއަށް ބެލުމެއް ނެތި ޖަވާބުދާރީ ކުރުވައި ގާނޫނީ އޮނިގަނޑުގެ ތެރެއިން ފިޔަވަޅު އެޅުން،" ޝިއުނާގެ ހިތޯބުގައި ވިދާޅުވިއެވެ.