މިނިކާ ބާޒުތަކަށް އައިސް ޕީޕީއެމް ޖަހައެއް ނުގަނެވޭނެ: އަދުރޭ

މިނިކާ ބާޒުތަކަށް އައިސް ޕީޕީއެމް ޖަހައި ނުގަނެވޭނެ ކަމަށް ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ވެސް ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އަދި މިނިކާ ބާޒުތަކަށް އައިސް ޕީޕީއެމް ޖަހައި ނުގަނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަބްދުއްރަހީމް މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ އިދިކޮޅު ކޯލިޝަންގެ ލ.މާވަށު ޖަލްސާގައެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ވެރިކަމާއި މަޖިލީހުގެ މެޖޯރިޓީވެސް އެމްޑީޕީއަށް ދެވިއްޖެ ކަމަށެވެ. އަދި މިހާރު އޮތް ކައުންސިލްތަކުގެ މެޖޯރިޓީ ވެސް އޮތީ ހަމަ އެމްޑީޕީގެ އަތުގައި ކަމަށް އަބްދުއްރަހީމް ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް ރައްޔިތުންނަށް ޓަކައި ސަރުކާރަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމު ސަލާމަތް ކުރުމަަށް ރައްޔިތުންގެ އަތުގައި އޮތް ހަމައެކަނި ހަތިޔާރަކީ ލޯކަލް ކައުންސިލް އިންތިހާބު ކަމަށާއި އެ އިންތިހާބު ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ރައްޔިތުން ކާމިޔާބު ކޮށްދޭން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ފާހަގަ ކުރެއްވީ މިއަދު މަޑުން ތިބުމަށްފަހު އިންތިހާބާ ކައިރިކޮށް ޕީޕީއެމްއާ ގުޅުމުން ރިޔާސީ ޓިކެޓް ނުލިބޭނެ ކަމަށެެވެ. އަދި އެފަދަ ވިސްނުމެއްގައި މަޖިިލީހުގެ ބައެއް މެންބަރުން އަދި ކޯލިޝަންގެ ބައެއް ފަރާތްތަކުން ވެސް ތިއްބެވި ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.