ޙަޤީޤީ ވާހަކަ: މަޝްހޫރުކަމަށް ހެއްލުމަކީ ގެެއްލުމެއް! އެންމެ ވިސްނުން ތޫނު މީހާއަކީ އާޚިރަތަށް ވިސްނާމީހާ
އިންސާނުންނަށް ވީހިނދު ކުށްފާފަ ކުރެވުމަކީ ކޮންމެ މީހަކަށް ވެސް ވެދާނެ ކަމެކެވެ. ނަމަވެސް އެކުށްފާފަތަކުގެ މަތީގައި ދެމިތިބުމަކީ ޝައިތާނާގެ އެދުމަށް ތަބާވުމެވެ. އެންމެ ވިސްނުން ތޫނު މީހަކީ ކުށެއް ކުރެވޭހިނދު އެކަމަށް ތައުބާވެ ޙައްޤަށް ރުޖޫޢަވާ މީހާއެވެ. ހަމަކަށަވަރުން ﷲގެ ރަޙުމަތް ތަނަވަސް ވެގެންވެއެވެ.
މިއީ ދިވެހި އުޚްތެއްގެ ހަޔާތުގެ ކުރީގެ ޞަފްޙާ ތަކެކެވެ.
"އަަހަރެން މިއީ ކާކުކަން ކޮންމެހެން އަންގާކަށް ބޭނުމެއް ނުވެއެވެ. ހަގީގަތުގައި އަހަރެން ހުރީ ގިނަ ބަޔަކަށް މިވާހަކަތައް އަންގާކަަށް ވެސް ނޫނެވެ. ނަމަވެސް ގާތް އެކުވެރިއެއްގެ އެދުމަށް، އަހަރެންގެ ވާހަކައިން އެހެން މީހަކަށް އިބްރަތެއް ލިބި ތެދުމަގު ލިބިދާނެކަމުގެ އުންމީދާއެކު މިވާހަކަ ޙިއްސާ ކޮށްލަނީއެވެ.
މީގެ 15 އަހަރު ކުރިއެވެ. އަހަންނަށް ނުލިބެނީ ކޮން އެއްޗެއް ހެއްޔެވެ؟ ކުރަމުންދިޔަ މަސައްކަތުގެ ގޮތުން އަހަންނަކީ މަޝްހޫރު މީހެކެވެ. އެއްބައެއްގެ ފަރާތުން ލޯތްބާއި ތަރުހީބު ލިބުނުއިރު އަނެއް ބައެއްގެ ފަރާތުން ފާޑުކިޔުމާއި ފުރައްސާރަވެސް ލިބުނެވެ. ދެ ގޮތުން ވެސް އަހަރެން ދިޔައީ މީހުންނަށް އެނގެމުންނެވެ.
އަހަރެންގެ އާއިލާ އޮތީ ރަށުގައެވެ. މާލޭގައި ހުރެގެން މަސައްކަތްކޮށް އާއިލާއަށް އެހީވަމުން ގެންދިޔައިމެވެ.
ފައިސާގެ ދަތިކަން އަހަންނަކަށް އެއިރު ނުފޯރައެވެ. ބޭނުން ކޮންމެ އެއްޗެއްހެން ހުރީ ލިބޭށެވެ. އަދި އެގޮތުގެ މަތިން އެއްޗެހި ގަންނަމުން ވެސް ދިޔައީމެވެ. ސަައިކަލަކާއި ކާރެއްވެސް ގަނެފައި އޮތް އިރު، ބޭނުންވާ ވަރަށްވުރެ ގިނަ ހެދުމާއި ބޫޓު/ފައިވާން އަދި އަތްދަބަސް ގަތުމަކީ އަަހަރެންގެ ފަރިތަ ކަމަކަށްވިއެވެ.
ދުނިޔެވީ ދިރިއުޅުމަށް ހެެއްލި ޣަރަޤުވެގެން ގޮސްފައި އަހަންނަށް އަރާމުގައި ހުރެވުނީ ފަސް ވަރަކަށް އަހަރެވެ. ދެން އައީ ބަނަ ދުވަސްތަކެކެވެ. އަހަންނާއެކު އެއް ވަޒީފާއެއްގައި އުޅުނު މީހަކާއެކު އަހަންނަށް ފާޙިޝް ޢަމަލު ހިންގުނެވެ. ސިއްރުންކުރި އެކަންތައް އެންމެންނަށް ފަޟީޙަތްވެސް ވިއެވެ. އެއީ އަހަންނަށް ނޭނގި އެމީހާ އެމަންޒަރުތައް ރިކޯޑުކޮށް ލީކުކޮށްލުމުންނެވެ.
ދިރިއުޅުން ހީވީ އެއްކޮށް ބަރުބާދުވި ހެންނެވެ. އަދާ ކުރަމުންދިޔަ ވަޒީފާ ގެއްލި އިއްޒަތާއި އަބުރުވެސް ގެއްލުނީއެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަން ފެށީ އަހަންނާ ދިމާލަށް ނުރުހުމުގެ ނަޒަރުން ބަލަމުން އައި މީހުންނެވެ. އަހަންނާއި ވާހަކަ ދައްކާނެ މީހުން މަދުވެ އަހަންނަކީ މުޖުތަމައުއަށް ހުރި ކުނިގަނޑަކަށް ވީފަދައެވެ. އޭގެއިތުރުން ވަޒީފާއެއް ނުލިބުމުގެ ސަބަބުން މާލީ ދަތިކަން ވެސް ފޯރިއެވެ.
އަަހަރެން ބޭނުންވީ ހުރިހާ ކަމެއް ދޫކޮށްލާފަ އާއިލާ ގާތަށް ރަށަށް ދާށެވެ. ނަމަވެސް އަހަރެންގެ އާއިލާއިން އަހަރެން ރަށަށް ދާން ބޭނުމެއް ނުވިއެވެ.
ގޮތް ހުސްވެ އެއްރޭ ޖުމްހޫރީ މައިދާނުގައި އިށީނދެގެން ވަރަށް ގިނައިރު މާޔޫސްވެފައި އިނީމެވެ. އަހަރެން އިން ގޮތް ދުރުގައި ބަލަން އިން އެހެން އުޚްތަކަށް ފެނިގެން އަހަރެން ކައިރިއަށް އައިސް އޭނާ އަތުގައިއޮތް ފެން ފުޅި ދިއްކޮށްލިއެވެ.
ގިނަ ދުވަސްތަކަކަށްފަހު މީހެއްގެ ފަރާތުން އޯގާތެރިކަމެއް ފެނުމުން، އެވަގުތު ފެން ނުބޮވާ ހުއްޓަސް އަހަރެން އެފުޅީގައި ހިފާ ފެންފޮދެއް ބޯލީމެވެ. އަހަރެން ހީކުރީ ފެން ބޮއެ ނިމުމުން އޭނާ އެތަނުން ދާނެ ކަމަށެވެ. ނަމަވެސް އެއާޚިލާފަށް އޭނާ ސުވާލުކުރީ އަހަރެން ހުރީ ބަނޑުހައިވެފަތޯއެވެ.
ކޮންމެވެސް ސަބަބަކާއިހެދި އަހަރެން ވެސް ބޭނުންވީ އޭނައާއެކީ ދާށެވެ. އެކަނިވެރިކަން އިންތިހާއަށް ހުރުމުގެ ސަބަބުން ކަމަށް ވެދާނެއެވެ.
ޖުމްހޫރީ މައިދާން ކައިރީގައި ހުރި ރެސްޓޯރަންޓަކަށް އޭނަ އަހަރެން ގޮވައިގެން ދިޔައެވެ. އެތަނަށް ވަނުމާއެކު އެތަނުގައި ތިބި ބައެއް މީހުން އަހަންނާ ދިމާލަށް ނުރުހުމުގެ ލޯތަކުން ބަލަން ފެށުމުން އަހަރެން ލަދުގަނެ ކުރިއަށްދާން ފަސްޖެހުނެވެ. އޭނައަށް ވެސް އެކަން ފާހަގަވެގެން އެމީހުންނާ ދޭތެރޭ ނުވިސްނުމަށް ބުނެ އަހަރެންގެ އަތުގައި ހިފައިގެން ކުރިއަށް ގެންދިޔައެވެ.
އަހަރެން އިނީ ހައިރާންވެފައެވެ. އުފާވެސްވިއެވެ. ކާއެއްޗަކަށް އޯޑަރުދީ ނިމުމަށްފަހު، އަހަންނަކީ ކާކުކަން އެނގޭތޯ އާއި ވީކަންތައް އެނގޭތޯ ވެސް އެހީމެވެ.
އެއަންހެން އުޚްތާ ބުނީ އެނގޭ ކަމަށެވެ.
ދެން އަހަންނާއެކީ ހުރީ ކީއްވެތޯ އެހުމުން އޭނަ ބުނީ އޭނާއަކީ މީހުންނަށް ކުރެވޭ ކުށްތަކުން އެމީހުންނާމެދު ގޮތް ނިންމާ މީހެއް ނޫން ކަމަށާއި ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެ ކަމަށެވެ. އަހަރެން ވަރަށް އުފާވިއެވެ. އަދި އަހަންނަށް ކުރެވުނު ހުރިހާ ނުބައިކަމެއް ރަނގަޅުކޮށް އައު ދިރިއުޅުމެއް ފަށަން ބޭނުންވާ ކަމަށާއި އެކަމަކު އެކަން ކުރާނެ ގޮތެއް ނޭނގޭ ކަމަށް ބުނީމެވެ.
އޭނާ އަހަންނަށް ދިނީ ނަސޭޙަތަކާއި ޚިޔާލެކެވެ. ނަސޭޙަތަކީ ކުރެވުނު ކަންތައްތަކަށް ޠައުބާވެ އަޅުކަން ކުރުން އާދަ ކުރުމަށެވެ. ޚިޔާލަކަށް ބުނީ އަހަރެންގެ އަތުގައި ހުރި މުދަލުން މުދަލެއް ވިއްކާލާފައި ގޭގައި ކުރެވިދާނެ ވިޔަފާރިއެއް ފެށުމެވެ.
އެގޮތަށް އަަހަރެން ޢަމަލު ކުރީމެވެ. އެއީ އަހަރެންގެ ދިރިއުޅުން ބަދަލު ކޮށްލި ރެއެކެވެ. އަހަންނަށް ކުރެވުނު ކަންތަކަކަށް ޠައުބާވެ، ނަމާދުކޮށް ޤުރްއާން ކިޔެވުން އިތުރު ކުރީމެވެ. އިސާހިތަކު ނަމާދު ކުރުމަކީ އާންމުކަމަކަށް ވެސް ވިއެވެ.
ވިޔަފާރިއެއް ފެށުމަށް އަަހަރެންގެ ސައިކަލު ވިއްކާލީމެވެ. ނަމަވެސް ފަށާނެ ވިޔަފާރިއެއް ނޭނގުނެވެ.
އަހަންނަށް ފަހަން އެނގެއެވެ. އަދި ކޭކު އަޅަން ވެސް އެނގެއެވެ. ނަމަވެސް އަހަރެން ގެގާތަށް އެއްވެސް މީހަކު އެކަން ކުރުވަން ނާންނާނެތީ އެކުވެެރިޔާ ބުނީ އަހަރެން ހިތްހަމަޖެހޭނަމަ އޭނަގެ ނަމުގައި މީހުންނާއި ވާހަކަ ދައްކާ ކޭކު އޯޑަރތައް ނެގުމަށެވެ. އަދި އަހަރެން މަސައްކަތްކޮށް ނިމުމުން ކޭކު ޑެލިވަރ ވެސް ކޮށްދޭނެ ކަމަށެވެ.
އެގޮތުގެ މަތިން މަސައްކަތް ފެށީމެވެ. އުފަންދުވަހުގެ ޕާޓިތަކަށާއި، ކައިވެނީގެ ހަފްލާތަކަށް އަދި އެހެނިހެން ބައެއް ހަފްލާތަކަށް ކޭކު އެޅުމުގެ އޯޑަރުތައް ވެސް ލިބި، މާތް ﷲ ގެ އިރާދަފުޅާއެކު ވިޔަފާރި ކުރިއެރިއެވެ.
ނަމަވެސް އަހަރެންގެ ބުރަ މަސައްކަތުގެ ނަން އެކުވެރިޔާއަށް އެކަނި ލިބޭތީ އެކަމާއި އޭނާ ފަހުން ދެރަވާން ފެށިއެވެ. އަދި އަހަންނާ ވަރަށް ވާހަކަ ދެއްކުމަށްފަހު، އެއްބަސް ކުރުވާ އަހަރެންގެ ވިޔަފާރީގެ ހަގީގަތް އޭނަގެ ފޭސްބުކް ސްޓޭޓަސްގައި ލިޔުނެވެ. ކޭކު ވިޔަފާރިއަކީ އަސްލުގައި ކާކުގެ އެއްޗެއްކަމާއި، އަހަންނަކީ ކާކުކަމާއި ފަހުން އަހަންނަށް އައިސްފައިވާ ބަދަލުވެސް ލިޔުނެވެ. އަދި މުޖުތަމައުއިން އަހަންނާއިމެދު ޢަމަލުކުރީ ރަނގަޅަށް ނޫންކަން ވެސް ލިޔުނެވެ.
އަހަރެން ހީކުރީ އޭގެ ސަބަބުން އަނެއްކާވެސް އަހަރެންގެ ޙަޔާތް ބަނަވާނެ ކަމަށެވެ. ވަރަށް ހާސްވެސްވިއެވެ. ނަމަވެސް ކަންތައްވީ އަހަރެންގެ އެކުވެރިޔާ ވިސްނައިދިން ގޮތަށެވެ. ގިނަ މީހުން އަހަންނަށް ތަޢުރީފުކޮށް ހިތްވަރުދިނެވެ. އަދި އަހަންނާމެދު ކަންތައްވީ ގޮތާއިމެދު ހަމްދަރުދީ ވެސް ވިއެވެ.
އަހަރެންގެ ވިޔަފާރި ފަހުން ކުރިއެރީ އަހަރެންގެ އަމިއްލަ ނަންމަތީގައެވެ. އަދި ހެދުން ފަހަން އޯޑަރުތައް ވެސް ލިބެމުން ދިޔައެވެ. ކުރިއެކޭ އެއްފަދައިން އަހަރެން މަޝްހޫރުވީ ނަމަވެސް މިފަހަރު އަހަރެން ދީން މަތިން ހަނދަާން ނައްތައެއް ނުލަމެވެ. އަޅުކަން ކުރުން ހުއްޓައެއް ނުލަމެވެ. ނަތީޖާއެއްގެ ގޮތުން އަހަންނަށް ލިބުނީ ވަރަށް ޞާލިޙު ރަނގަޅު ފިރިއެކެވެ.
މިހާރު އަހަރެން އަމިއްލަ ވިޔަފާރިއެއް ނުކުރަމެވެ. ނަމަވެސް ފިރިމީހާއަށް ލިބޭ އާމްދަނީއިން އަލްޙަމްދުލިﷲ ރަނގަޅަށް އުޅެވެއެވެ. މިހާރު އަހަންނަކީ ދެ ކުދިންގެ މަންމައެކެވެ. ދިރިއުޅެނީ ފިރިމީހާގެ ރަށުގައި އެއާއިލާއާއެކުގައެވެ."