މުސާރަ ކުޑަ ކުރެއްވުމުން މަޖިލިސް މެންބަރުންނަށް މަހަކު ފަސް ދޮޅަސް ނުވަ ހާހަށްވުރެ ގިނަ ރުފިޔާ
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވެފައި ވާތީ، ބޮޑެތި މުސާރަ ލިބިވަޑައިގަަންނަވާ މަގާމުތަކުގެ މުސާރަ ތިން މަސް ދުވަހަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެއާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާނީ 42،000ރ. އެވެ. އެކަމަކު ކޮމިޓީ އެލަވަންސާ އެކު 69،750ރ. ހޯއްދެވުމުގެ ފުރުސަތު މެމްބަރުންނަށް އޮންނާނެ އެވެ.
މާލިއްޔަތު ކޮމިޓީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މެއި، ޖޫން ޖުލައި މި ތިން މަހުގެ މުސާރައިން، 20،000 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 20 ޕަސެންޓް ކުޑަ ކުރުމަށެވެ. 30،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 30 ޕަސެންޓް ކުޑަ ކުރުމަށެވެ. އަދި 60،000 ރުފިޔާއިން މަތީގެ މުސާރަތަކުގެ މަގާމުތަކުން 35 ޕަސެންޓް ކުޑަ ކުރުމަށެވެ.
މުސާރަ ކުޑަ ކުރުމަށް މިގެނައި ބަދަލު ކޯޓްތަކުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަަސާތަކުގެ މެމްބަރުންނަށް ވެސް އަންނާނެ އެވެ. މަޖިލީހުން ކަނޑައަޅާ މުސާރަތައް ކުޑަކުރި އިރު ސަރުކާރުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ ތެރެއިން 20،000ރ. އަށް ވުރެ މަތިން މުސާރަ ލިބޭ މަގާމުތަކުގެ މުސާރަ ވެސް ކަނޑާފައި ވަނީ ހަމަ މި އުސޫލުންނެވެ.
މި ރިޕޯޓު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާގައި ބައިވެރި ވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ.