ޚަބަރު

72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކަންނެލި ދޯންޏަކުން ރާއްޖެއަށް އެތެރެކުރި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން އާއްމުކޮށްފިއެވެ.

Ads by STELCO

މަސްތުވާތަކެތީގެ މިމައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ 10 މީހުންނެވެ. އެއީ ސ. ހުޅުދޫ / ދޭލިޔާގެ އިރުފާން ތަޤިއްޔު(32އ)، ރ. އިނގުރައިދޫ / އެލެސްކާ މުހައްމަދު ވިޝާމް(28 އ)، ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ އަހްމަދު ނަސީރު(38އ)، ކ. މާލެ / މއ. ކަނޑޫގެ ޢަލީ އަހްމަދު(37އ)، ކ. މާލެ / ހ. ގާޑަންބިޔުޓީ މުހައްމަދު އަކްރަމް(27އ)، ރ. އިނގުރައިދޫ / އެލެސްކާ އަބްދުﷲ ވިޝާމް (26އ)، ހދ. ނޮޅީވަރަންފަރު / ނޫރީއާގެ މުހައްމަދު ޝަރީފް (34އ)، ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ މުހައްމަދު ފުރުޤާން (33އ)، ތ. ތިމަރަފުށި / ތަޑިރަތްމާގެ މުހައްމަދު ވަޖީހު (35އ) އަދި ރ. ރަސްގެތީމު / ފީރޯޒްގެ، އަހްމަދު ޝިނާން (30އ) އެވެ.

ހައްޔަރުކުރި މިމީހުންގެ ތެރެއިން މިމައްސަލައިގައި އެންމެ އިސްކޮށް ތިބީ ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު އާއި ރ. އިނގުރައިދޫ / އެލެސްކާ، މުހައްމަދު ވިޝާމް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މީގެ ހަފްތާއެއްހާ ދުވަސްކުރިން ފަށައިގެން ހިންގަމުންދިޔަ އޮޕަރޭޝަނުގައި ފުލުހުން ރާއްޖޭގެ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންދިޔަ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިގޮތުން ހަރަކާތްތެރި ވަމުންދަނިކޮށް، "މަސްޖަރީ" ނަމަކަށްކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު 8 ވަނަ ދުވަހު މާލެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ލިބުމުން މާލެއަށް އެތެރެކުރި މަސްތުވާތަކެތި ހޯދާފައިވަނީ ކާރެއްގެ ޑިކީއަށް އަރުވާފައިވަނިކޮށް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. 

ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގެ ތެރެއިން/ ފޮޓޯ: ދެން

ފުލުހުންގެ ހިންގި މިއޮޕަރޭޝަންގައި އެދުވަހު ފަރީދީމަގު ބަންދުކޮށްފައި ވެއެވެ. އަދި މާލޭގެ ބައެއް ގެތައް ބަލައި ފާސްކޮށްފައިވާއިރު، ދެ ކާރާއި ލޯންޗެއް އަދި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައިވާ ކަމަށް މައުލޫމާތު ދެއެވެ.

ފުލުހުން ބުނެފައިވަނީ ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެމީހުން ހައްޔަރުކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައި ދެމީހެއްގެ ބަންދަށް 15 ދުވަސް، ހަތަރު މީހެއްގެ ބަންދަށް 10 ދުވަސް، ތިން މީހުންގެ ބަންދަށް ހަތް ދުވަސް އަދި އެކަކުގެ ބަންދަށް ފަސް ދުވަސް ޖަހައިދީފައިވާ ކަމަށެވެ. 

މިމައްސަަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!