ހިޔާލު ތަފާތުވުންތަކަށްފަހު "މަޓީ"އާއި ސަރުކާރުން އެއް މޭޒަށް!
ކޯވިޑްް19 އާއި ގުޅިގެން ސަރުކާރުން އެޅި އަދި އަޅަމުންދާ ބައެއް ފިޔަވަޅުތަކާއި މެދު ހިތްހަމަ ނުޖެހިފައި ތިބި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ސަރުކާރުން އެކުގައި މަސްވަރާކުރަން ފަށައިފިއެވެ.
ރާއްޖޭގެ އިގުތިސާދު އެންމެ ބޮޑަށް ބިނާވެފައި އޮންނަ ފަތުރުވެރިކަމުގެ ސިނާޢަތުގަ ހިމެނޭ ގިނަ ވިޔަފާރިވެރިން ތަމްސީލުކުރާ "މަޓީ"އާއި ސަރުކާރުން މަޝްވަރާކުރަން ފަށާފައިވަނީ ނިއު ނޯމަލްގައި ފަތުރުވެރިކަން ހުޅުވާލުމަށާއި، މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަމުގައި ދެ ފަރާތުން މަޝްވަރާކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާކޮށް މިނިސްޓްރީން ތައްޔާރުކުރަމުންދާ "ފަތުރުވެރިކަން އަލުން ފެށުމުގެ ގައިޑްލައިން" އާއި ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
Ministry's ongoing consultations regarding "Guideline to Restart Maldives Tourism" with industry stakeholders. pic.twitter.com/Hyfg4RCZ4e
— Ministry of Tourism (@MoTmv) May 20, 2020
ކޯވިޑް19އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަނދުވެ ފަތުރުވެރިކަން ހުއްޓި ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފައެވެ. މިކަމުން އަރައިގަތުމަށް، ފަތުުރުވެރިކަން އަލުން ފެށުމަށް ޚާއްސަ ގައިޑުލައިނެއް މިނިސްޓަރ އަލީވަހީދު އިސްވެ ހުންނަވައިގެން ދަނީ ތައްޔާރުކުރަމުންނެވެ.
މަޓީއާއި ސަރުކާރާއި ޙިޔާލުތަފާތުވީ ކޯވިޑް19 އާއި ގުޅިގެން ސަރުކާރުން ހުޅުވާލި އެހީ ޕެކެޖްގެ ދަށުން، ފަތުރުވެރިކަމުގެ ސިނާއަތަށް މާބޮޑު އަޅާލުމެއް ނެތްކަމަށް ބުނެއެވެ. އެގޮތުން މީގެ ކުރިން މަޓިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ބިނާވެފައިވަނީ ޓޫރިޒަމް ދާއިރާއަށް ކަމަށްވާ އިރު، ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އެ ދާއިރާ އިން ކަމަށެވެ. މިކަން މިހެން އޮތް އިރު ސަރުކާރުގެ އެހީގެ ޕެކޭޖް ކަނޑައަޅާފައިވަނީ ޓޫރިޒަމް ދާއިރާ ތަމްސީލްކުރާ މަޓީއާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓްވެ، ވަޒީފާތައް ސަލާމަތް ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި އެކަމަށް ސަރުކާރުގައި އެކި ގޮތްގޮތުން އެދުނަސް، އެދެވޭ ފިޔަވަޅެއް ނުފެންނަ ކަމަށެވެ.
މިކަމާއި ގުޅޭ ގޮތުން މީގެ ކުރިން މިނިސްޓަރ ޢަލީ ވިދާޅުވީ، ސަރުކާރާއި މަޓީއާއި ދެމެދު އެއްވެސް ޙިޔާލުތަފާތުވުމެއް ނެތްކަމަށާއި، މި ސަރުކާރު ވެރިކަމަށް އައި ފަހުން މަޓީގެ ފުރިހަމަ އެއްބާރުލުން ދޭ ކަމަށެވެ. މިހާރު ގައުމަށް ދިމާވެފައިވާ ހާލަތުގައި ވެސް އެ އެސޯސިއޭޝަނުން ވެސް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ.
އަދި ހާލަތު ބަދަލު ކުރުމަށްޓަކާއި ވަޒީރުންގެ މަޖިލީސް އޮތީ އެކަތިގަނޑެއްގައި ކަމަށާއި އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ވެސް ހުރިހާ ވަޒީރުން އެކީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިރޭ ދިވެހި ރައްޔިތުންނާއި މުޚާތަބުކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ދެއްކެވި ވާހަަކަ ފުޅުގައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ތިއްބެވި ވިޔަފާރިވެރިންނަށް ލުއިތަކެއް ހަމަޖައްސަވާދެއްވާފއިވާކަން އިއުލާނުކުރައްވާފައެެވެ.