ރިޕޯޓް

ޑިމޮކްރަސީގެ ނަމުގައި "ނެތިމޮށެނީ"އެވެ!

ދެން އެމްވީ ، ދެން އޮންލައިން

ވަރަށް ބޮޑަށް މާފުކުރައްވާާށެވެ! ލިޔަން މިއުޅެނީ ތިޔަ ބޭފުޅުން ހިތްޕުޅާވެދާނެފަދަ ލިޔުމަކަށް ނުވެދާނެތީއެވެ. ނަމަވެސް އަދު މި ޤައުމުގެ ޙާލަތަކީ މިއީނޫން ތޯއެވެ!

Ads by Sosun Fihaara

މިނިވަން ކަމާއި އިންސާފު ހޯދުމުގެ ނަމުގައި ދިވެހިންގެ ތެރެއިން ބަޔަކު ފެށި ދަތުރަކީ މިއަދު މި ފެންނަން އޮތް ހާލަތުގެ ފެށުންކަމަށްވެސް ވެދާނެއެވެ. އެބައިމީހުންގެ ނިޔަތެއް އަޅުގަނޑު ނުދެނަ ހުރީމެވެ. ޢަމަލު ހުރީ މި ބީދައިންކަމާއި މެދު ޝައްކެއް ނުކުރަމެވެ. އޭރުގައި ވެރިކަމުގެ ތަހުތުގައި އިންނެވީ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމެވެ.. އެބައި މީހުން ނުކުތީ ސީދާ ރައީސް މައުމޫނާއި ދެކޮޅަށެވެ.

މިހާރު މިކިޔާ "ޑިމޮކްރަސީ" ގެ ފެށުމަކީ އެއީއެވެ. އޭރުގައި މައުމޫނާއި ދިމާއިދިކޮޅަށް ނިކުތް ފަރާތްތަކުން ކުރި ކަމަކީ ކަތިލެވެން އޮތްގޮތަކަށް އެމަނިކުފާނުގެ އަބުރު ކަތިލުމެވެ. އެމަނިކުފާނުގެ އެކަންޏެއް ނޫނެވެ. އާއިލާގެ ބޭފުޅެއްވެސް ދޫކޮށްނުލައެވެ. އެކި ފާޑުފާޑުގެ ފުަރައްސާރައާއި މަލާމާތްތަކުން އެމަނިކުފާނާއި ދެކޮޅަށް އަޑުއުފުލުމުގެ ނަތީޖާއަކަށް ވީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އެކަން ފެޝަނަކަށް ހެދުމެވެ.

ފަހަރުގައި އެބައިމީހުން އެކަން ދަސްކުރީ ރައީސް މައުމޫނުގެ އަރިހުންކަމަށްވެސް ވެދާނެއެވެ. ރައީސް ނާސިރާއި ދެކޮޅަށް ރައީސް މައުމޫނު ހިންގެވި ކަމަކީވެސް ފޮޓޯ ކުރެހުމާއި، ފުރައްސާރަ ކުރުމެވެ.

ކޮންމެއަކަސް ރައީސް މައުމޫނާއި ދެކޮޅަށް ނިކުތް މީހުން އެމީހުންގެ މަގުސަދުގައި ކާމިޔާބު ހޯދިއެވެ. ވެރިކަމުން ރައީސް މައުމޫނު ދުރުކުރީ، ދުލާއި ގަލަމާއި، އެނޫންވެސް މިނިވަންކަން ކަށަވަރު ކުރުމަށްފަހުގައެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން 2012 ފެބްރުއަރީ 7ގައި ބަދަލުވެ، ރައީސް ވަހީދުގެ ވެރިކަންވެސް ނިމި އޭގެ ފަހުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަން ނިމި މިހާރު މިއޮތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމެވެ.

އެއްބައެއްގެ ކިބައިން އަނެއް ބަޔަކަށް ވާރުތަވީ އެންމެ ކަމެކެވެ. ޑިމޮކްރަސީގެ ނަމުގައި އެއް ބަޔަކު އަނެއް ބަޔަކަށް "ނެތިމޮށުމެވެ". އެއް ބަޔަކު އަނެއް ބަޔަކަށް ފުރައްސާރަކޮށް އަބުރު ކަތިލުމެވެ. އާއިލާގެ ކޮޅުކޮޅަށް ދާންދެން ޖެއްސުން ކުރުމެވެ. ރާއްޖޭގެ ގިނަ ރައްޔިތުންނަށް ވަނީ މިކަން ޖެހިފައެވެ. ސަލާމަތުން ތިބީ މަދު ބައެކެވެ.

މީސްމީޑިއާގެ އެކި މަންސަ ތަކުގައިވެސް ކުރަނީ މި މަސައްކަތެވެ. ސިޔާސީ ގޮތުން ފާޑު ކިޔުމުގެ ނަމުގައި އެއްބަޔަކު އަނެއްބަޔަކާ "ނެތިމޮށެނީ"އެވެ. އެއްބަޔަކު އަނެއް ބައެއްގެ އަބުރު ކަތިލަނީއެވެ. އެއްބަޔަކު އަނެއް ބައެއްގެ "މުޅަ މަސް ކަނީ"އެވެ.

ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ޑިމޮކްރަސީއޭ ކިޔާފައި އަޅުގަނޑުމެންނާއި މި ބައްދަލުކުރީ އާ ބްރޭންޑެކެވެ. ޑިމޮކްރަސީގެ ޅަފަތުގައި ވެސް އެއް ބަޔަކު އަނެއް ބަޔަކަށް "ނެތި މޮށުނީ"އެވެ. ޑިމޮކްރަސީ ދޮންވެ ފައްކާވިއިރު، ރާއްޖޭގެ ގިނަ ރައްޔިތުން ތިބީ މި މިކަމުގެ އަވާގައި ޖެހި ރަނގަޅަށް ހޭނިފައެވެ. ދިވެހިންގެ އާދަކާދަ އަކަށް މިކަން ވެ ނިމިއްޖެއެވެ. ހިތާމަ ހުއްޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!