ޒިޔަތު ޖަލަށް ބަދަލުކުރީ ރައްޔިތުން ލޮލުގައި އަނދުނެއް އެޅުުވުމަށް”: ޝުޖާއު”
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ޖަލަށް ބަދަލުކުރީ ރައްޔިތުން ލޮލުގައި އަނދުނެއް އެޅުވުމަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވެފައި ވަނީ ކުރެއްވި ޓްވީޓެއްގައެވެ. މިދިޔަ ހޯމަ ދުވަހު 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޒިޔަތުގެ މައްޗަށް ކުރި ހުކުމާއެކު އޭނާ ޖަލު ބަންދަށް ބަދަލު ކޮށްފައިވާތީ މިކަމާ ގުޅިގެން ޝުޖާއު ވަނީ ނުރުހުން ފާޅު ކޮށްފައެވެ.
ޒިޔަތު ޖަލަށް ބަދަލުކުރީ ރައްޔިތުން ލޮލުގައި އަނދުނެއް އެޅުވުމަށް ކަމަށާއި، ދަށުކޯޓުގައި ހިންގާ ޝަރީއަތުގައި ރައީސް ޔާމީންއާ ދެކޮޅަށް ޒިޔަތު ހެކިބަސްދީ ނިމުމުން ގެއަށް ބަދަލު ކުރާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"މީ މިއަދު އިންސާފު އޮތް ގޮތް. ޒިޔަތު އިނީ އުލު ބައިންދާފަ. ހެކިބަސް ނުދީފިނަމަ އޮތީ ޖަލު. ދީފި ނަމަ ގެ." ޝުޖާއު ގެ ޓްވީޓްގައި ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން އިއްވާފައިވާ ގިނަ ދައުވާތަކެއް ސާބިތުވެ ޒިޔަތަށް ޙުކުމް ކޮށްފައި ވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެގޮތުން ކްރިމިނަލް ކޯޓުން ވަނީ ދައުލަތުން އޭނާއާއެކު ވެފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން، އެ ހިޔާނާތާ ގުޅިގެން ޒިޔަތުގެ މައްޗަށް އުފުލާފައިވާ 32 ދައުވާގެ ހުކުމް ވަކިވަކިން އިއްވާފައެވެ.
ޒިޔަތުގެ މައްޗަށް ހިޔާނާތުގެ 32 ދައުވާ އުފުލާފައިވާއިރު، އެއީ މުޅިން ވެސް އެމްއެމްޕީއާރުސީ މެދުވެރިކޮށް ރާއްޖޭގެ ފަޅުރަށްތަކާއި، ފަޅުތައް ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުށްޔަށް ދޫކުރުމުގައި ހިންގާފައިވާ ހިޔާނާތެވެ. އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން ޅ. މާބިންހުރާ މައްސަލައިގައި ޒިޔަތުގެ މައްޗަށް މީގެ ކުރިން ވަނީ ކުށް ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާ ގެންދަނީ އެ ހުކުމް ތަންފީޒު ކުރަމުންނެވެ.