މާލެ ސަރަހައްދުގެ 15 ގެސްޓްހައުސްއެއް ހުޅުވައިފި

މާލެ ސަރަހައްދުގެ 15 ގެސްޓްހައުސްއެއް މިއަދު ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
ކޯވިޑް19 އަށްފަހު ބަންދު ކޮށްފައި ހުންނަތާ 9 މަސްދުވަސް ފަހުން 15 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ސަރުކާރުން ދީފައި ވަނީ ވަކި ޚާއްސަ ގައިޑްލައިންއަކާއެކުގައެވެ.
ގެސްޓްހައުސް އެސޯސިއޭޝަނުން ވިދާޅުވީ، މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާލުމުގެ ހުއްދަދިން ނަމަވެސް ގޮންޖެހުން ތަކެއް ވިޔަފާރިވެރިންނަށް ދިމާވެފައިވާ ކަމަށެވެ. މިކަންކަން ހައްލު ކުރުމަށް ކަމާ ގުޅުން ހުރި ފަރާތްތަކާ މިހާރު މަޝްވަރާ ކުރަމުންދާ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެއެވެ.
ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މިއަދު މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާލަން ހުއްދަ ދިނުމާއެކު މިހާތަނަށް 15 ތަނެއް ހުޅުވާފައިވާ ކަމަށެވެ.
ކޯވިޑް19 މާލެ ސަރަހައްދުގައި ފެތުރުން އިތުރުވުމާއެކު ގެސްޓްހައުސްތައް ބަންދު ކުރިއެވެ. އޭގެ ފަހުން މިއީ ގެސްޓްހައުސްތައް ހުޅުވާލި ފުރަތަމަ ފަހަރެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރަށްރަށުގެ ގެސްޓްހައުސްތައް މީގެ ކުރިން ވަނީ ހުޅުވަން ފަށާފައެވެ. އެގޮތުން ގެސްޓް ހައުސް ހުންނަ ކޮންމެ ރަށެއްގައި އާންމުން މާސްކް އަޅަން ޖެހޭނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.