ރިޕޯޓް ކުޅިވަރު

ރައްޔިތުންނަށް ތަކުލީފަކަށް ވެދާނެތީ، ލ.ގަމު ރިވެރީސް ގެސްޓް ހައުސް ނުހުޅުވަން ނިންމައިފި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެޗްޕީއޭގެ އުސޫލުތައް މިހާރު ވާގޮތުން ގެސްްޓްހައުސްތައް ހުޅުވައިފިނަމަ ރައްޔިތުންނަށް ތަކުލީފަކަށް ވެދާނެ ކަމަށް ފެންނާތީ ލ.ގަމު ރިވެރީސް ޑައިވިން ވިލެޖް، ސާރފް އެންޑް ސްޕާ ރެސްޓޯރަންޓް ނުހުޅުވަން ނިންމައިފިއެވެ.

Ads by MWSC

ލ.ގަމަކީ އެއަތޮޅުގެ އަދި ރާއްޖޭގެ އެހެން ހިސާބުތަކުގެ މީހުން ވެސް ޑޮކްޓަރަށް ދެއްކުމަށްޓަކައި ވަރަށް ގިނައިން މިހާރު ގޮސް އުޅޭ ރަށެކެވެ. ކޮންމެ ދުވަހަކުމެ އެތައްބަޔަކު އެރަށަށް ޑޮކްޓަރަށް ދެއްކުމަށްޓަކައި ގޮސް އުޅެއެވެ. މައިގަނޑު ސަބަބަކީ މާލެއަށް އައިސްފިނަމަ ރަަށަށް ގޮސް 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހުމެވެ. އެހެން ނަމަވެސް އަތޮޅުތެރޭގެ ރަަށަކަށް ދިޔަ ކަމުގައި ވިޔަސް ކަަރަންޓީނު ވާން ނުޖެހުމެވެ. އަދި ލ.ގަން ހޮސްޕިޓަލަކީ ފެސިލިޓީގެ ގޮތުން ވެސް ފެންވަރު ރަނގަޅު ހޮސްޕިޓަލެކެވެ.

ކޮންމެއަކަސް، އެޗްޕީއޭގެ އުސޫލުތައް މިހާރު އޮންނަ ގޮތުންނަމަ، ގެސްޓު ހައުސްތައް ހުޅުވައި ޓޫރިސްޓުން އަންނަ ރަށްރަށަށް ގޮސްފައި އެނބުރި އަމިއްލަ ރަށަށް ގޮސްވެސް ކަރަންޓީނު ވާން ޖެހެއެވެ. އެހެންކަމުން، ލ،ގަމުގެ ގެސްޓް ހައުސްތައް ހުޅުވައި އެރަށަށް ޓޫރިސްޓުން އަންނަން ފަށައިފި ކަމުގައި ވާނަމަ ރަށުން ބޭރުން އެރަށަށް ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްްތަކުން، ޑޮކްޓަރަށް ދައްކާ ނިންމުމަށްފަހު ރަށަށް ގޮސް 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެއެވެ.

ކަން މިހެން ހުރުމާއެކު، ލ.ގަމުގައި ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރަމުން އަންނަ ރިވެރީސް ގެސްޓު ހައުސް އިން ވަނީ ރައްޔިތުންނަށް ތަކުލީފަކަށް ވެދާނެތީ ގެސްޓްހައުސް ނުހުޅުވަން ނިންމައިފައެެވެ. އަދި އެ ގެސްޓްހައުސް އިން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީއާ ވާހަކަ ދައްކައިގެެން ރައްޔިތުންނަށް އެންމެ ފަސޭހަ ގޮތަކަށް ވިޔަފާރި ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

ރިވެރީސް ގެސްޓް ހައުސްގެ މި ނިންމުމަށް ލ.ގަމު ކައުންސިލުން ވެސް ވަނީ މަރުހަބާ އާއި ޝުކުރު ދަންނަވާފައެވެ. އަދި ރައްޔިތުންނަށް ތަކުލީފު ކުޑަ ގޮތަކަށް ގެސްޓް ހައުސް ވިޔަފާރި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި  ނިންމުމާ ގުޅިގެން ގަމު ކައުންސިލާއި ރައްޔިތުން ދަނީ އެ ނިންމުމަށް މަރުޙަބާ ކިޔާ ޝުކުރު  އަދާކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!