ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ވަޅުލައިދިނުމަކީ ދީނީ ގޮތުން ކޮށްދެން ޖެހޭ ކަމެއް ނޫން: މައުމޫން

ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ވަޅުލައިދިނުމަކީ ދީނީ ގޮތުން ކޮށްދެން ޖެހޭ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގައި މަރުވާ މުސްލިމުން، އެޤައުމުގައި ވަޅުލެވޭނެ ގޮތެއް ނެތިގެން ރާއްޖޭގައި ވަޅުލައިދިނުމަށް ޝްރީލަންކާގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސާ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އަރިހުން އެދިވަޑައިގެންފައިވާއިރު ރައީސް މައުމޫން ވަނީ އެކަމަށް ތާއީދު ނުކުރައްވާކަން ހާމަ ކުރައްވާފައެވެ.
އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމަކީ ދީނީ ގޮތުން ވެސް ކޮށްދޭން ޖެހޭ ކަމެއް ކަމުގައި ބުނަމުންނެވެ.
މިކަމާ ގުޅިގެން ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ސަބަބުން މަރުވާ ސްރީލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން ކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.
"އެކަން ކޮށްދީފިނަމަ އެކަން ވާނީ އެޤައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލު ކުރަމުންދާ ގޮތަށް ކުރެވޭ ތާއީދަކަށް" ރައީސް މައުމޫން ވިދާޅުވިއެވެ.