ކަރަންޓީނުގައި ތިބި މީހުންނަށް ވޯޓުލެވޭނީ ވޯޓުލާ މަރުކަޒަށް ގެންގޮސްގެން ކަމަށް ބެލެވޭ: އީސީ ޝަރީފު

ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނާއި އައިސޮލޭޝަންގައި ތިބޭ މީހުންނަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލެވޭނެ ހަމައެކަނި ގޮތަކީ، އެމީހުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ބެލުމުގެ ދަށުން ވޯޓުލާ މަރުކަޒަށް ގެންދިޔުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާން ދިޔުމާ ބެހޭގޮތުން އޮންލައިން ނޫސް "ސަން" އަށް ދިން އިންޓަވިއުއެއްގައި ޝަރީފު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބޭ މީހުންނަށް ހާއްސަކޮށްގެން އެފެސިލީޓީތަކުގައި ވޯޓު ފޮށި ނުބެހެއްޓޭނެ ކަމަށެވެ.
އީސީގެ ރައީސް ވިދާޅުވީ ކަރަންޓީނުގައި ތިބޭ މީހުން ވޯޓު ލާން އެޗްޕީއޭ އިން ހާއްސަ އިންތިޒާމެއް ހަމަ ޖައްސަން ޖެހޭ ކަމަށެވެ.
"އޭގައި ގަބޫލު ކުރެވެނީ އެންމެ ގޮތެއް. އެ ގޮތަކީ އެޗްޕީއޭގެ ބެލުމުގެ ދަށުން އެމީހުން ވޯޓުލާން ގެނައުން. އެއީ ކަރަންޓީނާއި އައިސޮލޭޝަންގައި ތިބޭ މީހުން ވަކި މުއްދަތަކަށް ބަދަލުވާނެ. މިއަދު ތިބޭ މީހުން މާދަމާ ނުތިބެދާނެ." އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެފައިވެއެވެ.