ރިޕޯޓް

އެންމެންނާއިވެސް ގުޅޭ، މަޖާ މިޒާޖެއްގެ އަފްރާޙް: ހީނުކުރާފަދަ ތަޖުރިބާތަކެއް ކޮށްފައިވޭ!

ދެން އެމްވީ ، ދެން އޮންލައިން

މިއީ ނޫސްވެރިންނަށް ހަމަޔަގީނުން އައު މޫނަކަށް ނުވަތަ ނުދަންނަ މޫނަކަށް ނުވާނެއެވެ.

ބ. މާޅޮހަށް އުފަން މުޙައްމަދު އަފްރާޙް (49އ.) އަކީ އޭނާއާއި ވާހަކަ ދައްކައިފި ކޮންމެ މީހަކު ހެއްވާލާ، އެމީހަކާއި ނުހަނު އެކުވެރި މިޒާޖެއް ގެންގުޅޭ ރިވެތި އަޚުލާޤުހުރި ހިތްވަރުގަދަ ނޫސްވެރިއެކެވެ. އޭނާއަކީ އެކްޓަރެއްގެ އިތުރުން ކުރީގެ ރެފްރީއެއް އަދި އަދިވެސް ދުވުންތެރިއެއް ވެސްމެއެވެ.

އަފްރާހުގެ ވާހަކަތައް "ދެން" އާއި ހިއްސާކުރަމުން އޭނާ ބުނީ ނޫސްވެރިކަމުގެ ދާއިރާގައި އުޅޭތާ މިހާރު 10 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެ ކަމަށެވެ.އެގޮތުން އޭނާ އެންމެ ފުރަތަމަ ލިޔަން ފެށީ ސޮނޭވާ ފުށީގައި ވަޒީފާގައި އުޅުނުއިރު އެއިރުގެ "އޭދަފުށި ޓުޑޭ" އަށެވެ.

ސްޓޭޖް ޝޯތައް ހުށަހަޅައިދިނުމުގައި އުޅެނިކޮށް އޭނާގެ ކިބައިގައި ނޫސްވެެރިކަމުގެ ހުނަރު ހުރިކަން އެންމެ ފުރަތަމަ ފާހަގަކުރީ އެއިރު އެނޫހުގެ އެޑިޓަރު އަދި މިހާރު "މިހާރު" ނޫހުގެ ވެސް ނޫސްވެރިއެކެވެ.

އަފްރާޙް އަށް ޚަބަރު ލިޔަން ނޭނގޭ ކަމަށް ބުނުމުން އޭނާއަށް ވެސް ޚަބަރު ލިޔެވޭނެކަމުގެ ހިތްވަރުދީ ތޯރިޤް އޭނާ ލައްވާ ލިޔުއްވާ ރަނގަޅުކުރަންވީ ކަންކަން ވެސް ބުނެދިނެވެ. އަފްރާޙް ލިޔުނު ޚަބަރުތައް ޓީވީއެމް އަށް ވެސް އެެއިރު ފޮނުވާ، ރަސްމީ އަދި ނުރަސްމީކޮށް ނޫސްވެރިކަމުގެ ދަތުރު އޭނާ ފެށިއެވެ.

އެއުފެދުނު ޝައުޤުވެރިކަމާއި ލިބުނު ހިތްވަރާއެކު އެކި ތަންތަނުން މައުލޫމާތު ހޯދަމުން އަފްރާޙް ދިޔައީ ޚަބަރުތައް ލިޔަމުންނެވެ. އޭގެ 10 އަހަރު ފަހުން މާލެ އައިސް ޓީވީ ސްޓޭޝަނަކާއި ގުޅެވޭތޯ މަސައްކަތް ކުރިއެވެ.

"ސޮނޭވާ ފުށީގަ އުޅެފަ އެހެން ރިސޯޓަކަށް މަސައްކަތް ކުރަން ދާންވީމަ އުނދަގޫވާނެތީ ހިތަށް އެރީ މާލޭގަ މަޑު ކުރާނީއޭ. އެހެންވެ ޓީވީ ސްޓޭޝަނަކަށް އެޕްލައިކުރިން. ފާސްވެސްވި. އެފަރާތުން ބުނި އޭގެ ޖެހިގެން އަންނަ ހަފްތާގެ ދުވަހެއްގަ ޑިއުޓީއަށް ނިކުންނަންވީއޭ. ދެން އެމީހުން ބުނި ދުވަހުގެ އެއް ދުވަސް ކުރިން ގުޅާލިން ޑިއުޓީއަށް ނިކުންނަންވީ ގަޑިއެއް އޮޅުންފިލުވަން. ނަމަވެސް އެތަނުގެ ސްޓޭޝަން ހެޑް ފޯނެއް ނުނެގި. ދެތިން ފަހަރު ގުޅީމަވެސް ފޯނު ނުނެގީމަ ބިޒީ ކަމަށް ހީކޮށް މެސެޖެއް ކޮށްލިން. އޭގެ ގަޑިއިރެއްހާއިރު ފަހުން މެސެޖު ކޮށްފަ ޖަވާބުދިނީ އެވަގުތު އެއްވެސް އާ މީހެއް ނުނަގަން މެނޭޖްމަންޓުން ނިންމާފަވާ ކަމަށް. ވަރަށް ދެރަވެސްވި. ޔަގީންކަން ދީފަ އެހެން ހެދީމަ. އެކަމަކު ﷲ އާއި ވަކީލު ކޮށްލައިގެން ހުރީ" މާލޭގައި ކުރެވުނު ހިތިތަޖުރިބާ ހިއްސާ ކުރަމުން އަފްރާޙް ބުންޏެވެ.

މާލޭގައި ދިރިއުޅެން ދިރިއުޅުން ބަދަލުކޮށްފައިވާތީ ވަޒީފާއެއް ހޯދުމުގެ ގޮތުން ގާތްގަނޑަކަށް 50 ތަނަށް އޭނާ ސިޓީލިއެވެ. ނޫސްވެރިކަމާއި ގުޅުމެއް ނެތް ތަނަކުން އޭނާއަށް ވަޒީފާލިބި އެތަނުގައި ދެ އަހަރު ދުވަހު މަސައްކަތް ކުރަނިކޮށް "ސަންއެފްއެމް" އިން އަފްރާޙް އަށް ވަޒީފާ ހަމަޖެހުނެވެ. ޓީވީ ކުރިމަތިން ބެލުންތެރިންނަށް އަފްރާޙް އެންމެ ފުރަތަމަ ފެނިފައިވަނީ އެތަނުންނެވެ.

އޭނާގެ ނޫސްވެރިކަމުގެ ޙަޔާތުގައި އޭގެ ފަހުން ދިޓީވީ އާއި ޗެނަލް ވަން ގައި މަސައްކަތް ކުރުމަށްފަހު ނޫސްވެރިކަމާއިކުޑަކޮށް ދުރަށްޖެހިލިއެވެ. އޭގެ ފަހުން މަސައްްކަތް ކުރަމުން ދިޔައީ އޭޑީކޭ ހޮސްޕިޓަލްގައެެވެ. ނަމަވެސް ނޫސްވެރިކަމަށް ހިތްޖެހިފައި ހުރުމުގެ ސަބަބުން އަނެއްކާވެސް"ޗެނަލް 13" ގައި ޕާޓްޓައިމް އަށް މަސައްކަތް ކުރަން ފެށިއެވެ. ނަމަވެސް އޭގެ ފަހުން ''މިއަދު''ގައި މަސައްކަތް ކުރުމަށްފަހު ދެވަނަ ފަހަރަށްވެސް ދާއިރާ ބަދަލުކޮށްލާ އެލައިޑް އިންޝުއަރެންސް ގައި މަސައްކަތް ކުރިއެވެ.

އެތަނުގައި ދެ އަހަރެއްހާ ދުވަސް ހޭދަ ކޮށްފަ އެކުވެރިއެއްގެ އެދުމުގެ މަތިން "ހޯރަ" އޮންލައިން އަށް ޚަބަރު ލިޔެދޭން ފެށިއެވެ. އަދި މިހާރު އަފްރާޙް މަސައްކަތް ކުރަނީ "ދިވެހި ޗެނަލް" ގައި، އެތަނުގެ ނިއުސް ހެޑްގެ މަގާމުގައި ނިއުސް ރޫމްގައި ގިނިކަންޏާއެވެ. ސަރުކާރުން ބާއްވަމުންދާ ނޫސްވެެރިންގެ ބައްދަލުވުންތަކުގައި ކުޅަދާނަކަމާއެކު ބައިވެރިވެއެވެ.

"މިކަމުން އަސްލުގައި ދުރަކަށް ނުދެވުން. ނޫސްވެރިކަމަށް އެޑިކްޓް ވެފަ މިހުރީ. ކޮންމެ ތާކަށް ބަލާލިޔަސް މިހާރު ފެންނަނީ ޚަބަރެއް. މިހާރު ނިދަނީ ޚަބަރުން ހޭލަނީވެސް ޚަބަރުން" އަފްރާޙް ބުންޏެވެ.

އަފްރާޙް މަޝްހޫރުވެފައިވަނީ ހަމައެކަނި ނޫސްވެރިއެއްގެ ގޮތަކުން ނޫނެވެ. އެކްޓިންގެ ދާއިރާއާއި ދިގު ދުވުން (މެރެތޮން ރަނިންގ) އިންވެސް ފާހަގަ ކޮށްލެވެއެވެ.


އެގޮތުން އަފްރާޙް އެކްޓް ކޮށްފައިވާ ލަވަތަކުގެ ތެރޭގައި ކުރީގައި ވަރަށް މަޝްހޫރުވި ދިވެހި ލަވައެއް ކަމަށްވާ "ނާނާވީ ސީދާ ލޯބި" ހިމެނެއެވެ. އެލަވައިގަ އޭނަ އެކްޓު ކޮށްފައިވަނީ ހާޖަރާ އާއެކުގައެވެ.

އެކްޓު ކުރަން ފަށާފައިވަނީ ގަލޮޅު އަވަށު އޮފީހުގެ ފަރާތުން ސްޓޭޖް ޑްރާމާތަކުންނެވެ. މިފަހުން އަފްރާޙް ފެނިފައިވަނީ ބައިސްކޯފުން ދައްކަމުން އައި މަޝްހޫރު ސިޓްކޮމް "ކަރު ހަކުރު" އިންނާއި އިލްޔާސް ވަހީދު ޑައިރެކްޓް ކޮށްފައިވާ ފިލްމު "ބަވަތި" އިންނެވެ. އަފްރާޙް ބުނި ގޮތުގައި ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެންވެސް އެމީހެއްގެ ގޮތުގައި މޮޅެވެ. އަދި އިތުރު ތަމްރީނު ލިބުމަކީ ފަންނާނުންނަށް ވެވޭނެ ވަރަށް ބޮޑު އެހީއެކެވެ.

އެކްޓު ކުރުމުގެ އިތުރުން އަފްރާޙް ދެން މަޝްހޫރު ވެފައިވަނީ މެރެތަންގައި ދުވާމީހެއްގެ ގޮތުގައެވެ.

"ކުރިން ރެފްރީކަން ކޮށްފައި ހުރުމުން ހިތަށް އެރި 5 ކިލޯމީޓަރު ވަަރަށް ފަސޭހައިން ދުވެވޭނޭ. ދިރާގު ރޯޑް ރޭހުގައި އެގޮތުން ފުރަތަމަ ބައިވެރިވީން އޭޑީކޭ އައްފާލް އާއެކު. ނަމަވެސް ބާރަށް ދުވަން އާދަވެފަ ހުރީމަ އެދުވަހު ނުދުވެވުން. ފަހުން އައްފާލްގެ އެހީއާއިވެސް އެކު އަމިއްލައަށް ވެސް ދުވެގެން، މިހާރު މިހުރީ ވަރަށް ބޮޑަށް ހޭނިފަ. މިހާރު ބޭނުމީ އަމިއްލަ ރިކޯޑު މުގުރާލާ އަލްޓިމޭޓް ޖައްސަން" އަފްރާޙް ބުންޏެވެ.

އަފްރާޙް މިވަގުތު ހުރީ ރައްޔިތުންނަށް އެންމެ ގާތުން ޚަބަރުތަށް ގެނެސްދިނުމަށް އޭނާ ވަޒީފާ އަދާކުރާތަނުގައި އެކަހެރިވެއެވެ. އަނބިމީހާއާއި، ދަރިންނާއި އާއިލާއާއި ދުރުގައެވެ.

"ވަރަށް ހަނދާންވޭ ދަރިންމަތިންނާއި އަންހެނުން މަތިން. ކުދިން ނުފެންނާތީ ވަރަށް ބޮޑަށް ދެރަވޭ. ދަރުބާރުގޭގައި ޕްރެސް ކޮންފެރެންސްގައި ހުއްޓާ ޓީވީން ދެއްކުމުން ދަރިފުޅު ފޮޓޯ ނަގާފަ އިންސްޓަގްރާމް އަށްލާފަ ބައްޕަ ހުރީ ޤައުމީ ޚިދުމަތުގައި ކަމަށް ބުނެ، އިންސްޓަގްރާމްގަ ޕޯސްޓްކުރި" ރޮވިފައިހުރެ އަފްރާޙް ބުންޏެވެ.


އަފްރާޙް އަށް ލިބުނު ހުރިހާ ކާމިޔާބީއަކާއި ހިތްވަރަށް އޭނާގެ ދަރިންނަށާއި އަނބިމީހާ އަދި އާއިލާއަށް ފަށްފަށުން ޝުކުރު އަދާކުރިއެވެ.

މީގެއިތުރުން ބެލުންތެރިންނަށް އަފްރާޙް ދިން މެސެޖަކީ " ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވާން ފެށުމުން ވަރަށް ގިނަ ބޭފުޅުން ސުވާލުތައް ފޮނުވާ. ހުރިހާ ބޭފުޅުންގެ ސުވާލުތައް ވެސް ކޮށްދޭ ހިތްވޭ. ނަމަވެސް ދީފައި އިންނަނީ ކުޑަ ވަގުތުކޮޅަކަށްވުމުން ހުރިހާ ސުވާލެއް ނުކުރެވެނީ. އެކަމަށްޓަކައި ބެލުންތެރިން ކިބައިން ނިހާޔަތަށް މާފަށް އެދެން. އަދި ދެއްވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޢީދު މުބާރަކް"

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!