އަލްޙަމްދު ލިﷲ! ޗައިނާއިން ޓެސްޓް ކުރި ވެކްސިން ވެސް އުއްމީދީ ނަތީޖާއެއް ދީފި
ދުނިޔޭގެ ކުރިއަރާފައިވާ ހުރިހާ ގައުމަކުންވެސް ކޮރޯނާވައިރަހަށް ވެކްސިނެއް ތައްޔާރުކުރުމުގެ ރޭހުގައި ބައިވެރިވެގެން މިކަން ކާމިޔާބު ކުރުމަށް ރެޔާ ދުވާލު ދަނީ މަސައްކަތް ކުރަމުންނެވެ. ގައުމުތަކުން މިކަމަށް ބޮޑެތި ބަޖެޓުތައް ކަނޑައަޅައިގެން ދަނީ ޚަރަދު ކުރަމުންނެވެ. މިގޮތުން ކޮރޯނާވައިރަސް ފުރަތަމަ ފެތުރިގެން އައި ޗައިނާ އިން ވެސް މިކަމުގައި ފަހަތަށް ނުޖެހި ކުރި މަސައްކަތުން ވަނީ މި ނުރައްކާތެރި ވައިރަހަށް ވެކްސިނެއް އުފައްދާފައެވެ. އަދި އިންސާނުންގެ ގަޔަށް ވެކްސިން ޖަހައިގެން ކުރި ޓެސްޓް ތަކުގެ ނަތީޖާ ރަނގަޅު ކަމަށް ވަނީ ހާމަކޮށްފައެވެ. މިވައިރަސް ޓެސްޓް ކުރެވުނު މީހުނަށް މިއީ ރައްކާތެރި ވެކްސިނަކަށްވެ، ކޮރޯނާވައިރަހުން ދިފާޢު ކޮށްދޭނެކަމަށް ވަނީ ބެލެވިފައެވެ.
ބޭސްވެރިކަމާގުޅޭ ލިޔުންތައް އާންމު ކުރާ، އިނގިރޭސިވިލާތުގެ މަޤްބޫލު ނޫހެއް ކަމަށްވާ "ލެންސެޓް" ގައި ހުކުރު ދުވަހު ޝާއިޢު ކުރި ރިޕޯޓްގައި، ޗައިނާގެ ވެކްސިނާ ގުޅޭގޮތުން ބުނެފައިވަނީ އެއީ ރައްކާތެރި އަދި އަވަހަށް ދިފާޢީ ނިޒާމް ވަރުގަދަ ކުރާ ވެކްސިނެއް ކަމަށެވެ. މިވެކްސިން ޓެސްޓް ކުރުމަށް، އަމިއްލައަށް އިސްނެގި 108 މީހަކު 3 ގްރޫޕަކަށް ބަހާލައިގެން ކޮންމެ މީހަކަށް ތަފާތު ޑޯޒެއްވަނީ ދެވިފައެވެ. މި ރިޕޯޓާއި ގުޅޭގޮތުން "ދަ ނިއުޔޯކް ޓައިމްސް"ގައި ބަޔާންކޮށްފައިވާ ގޮތުގައި މި ވެކްސިން ދިނުމުން "ޓީ ސެލްސް" ކިޔާ ދިފާޢި ނިޒާމް ވަރުގަދަ ކުރާ ސެލްތަކެއް ދެ ހަފްތާގެ ތެރޭގައި ވަނީ އުފެދެން ފަށާފައެވެ. އަދި 28 ދުވަސް ތެރޭގައި ދިފާޢި ނިޒާމް ވަރުގަދަ ވާ ވަރަށް އެންޓިބޮޑީ އުފެދޭނެއެވެ. އަދި މި 28 ދުވަހުގެ ތެރޭގައި އެއްވެސް އިތުރު މައްސަލައެއް ދިމާވެފައެއް ނުވެއެވެ. އެހެންކަމުން މިއީ އިންސާނުންނަށް ރައްކާތެރި ވެކްސިނެއް ކަމުގައި ވަނީ ބެލެވިފައެވެ.
މި ވެކްސިނަކީ "އޭ.ޑީ-5" ނަމަކަށް ކިޔާ ވައިރަހެއް، އިންސާނުންގެ ސެލްތަކަށް "ޖެނެޓިކް" އިރުޝާދު ދިނުމަށް، ބޭނުންކޮށްގެން ހެދިފައިވާ ވެކްސިނެކެވެ. މި ސެލްތަކުން ކޮރޯނާވައިރަސްގައި ހުންނަ ފަދަ ޕްރޮޓީން އުފައްދާނެއެވެ. އަދި ދިފާޢީ ނިޒާމުން މި ޕްރޮޓީންތަކަށް ހަމަލާދީ ބަލި ކުރާނެއެވެ. މިއީ ކޮރޯނާވައިރަސް ޖެހުމުން ދުރުކުރަން ދިފާޢީ ނިޒާމް މަސައްކަތް ކުރާނެ ގޮތެވެ.