ފައްސިވި ސިފައިންގެ އަމާޒަކީ އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ރައްޔިތުންނަށް ހިދުމަތް ކުރުން!
ކޮވިޑް-19 އަށް ފައްސިވި ސިފައިންގެ އަމާޒަކީ ބަލި ޖެހުނު ކަމުގައި ވި ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ތައްޔާރުކުރި މެޑިކަލް ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިިނިސްޓަރ ވިދާޅުވީ ފައްސިވި ސިފައިންނާއި އެފަރާތްތަކުގެ ޢާއިލާތަކާއި މިނިސްޓަރ އަމިއްލަފުޅަށް ގުޅުއްވި ކަމަށާއި އެފަރާތްތަކުގެ ބަހަކަށްވީ ޤައުމު ގޮވާލި މިދަނޑިވަޅުގައި އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް މަސައްކަތުގައި ދެމިހުރުންކަމުގައި ކަމަށެވެ.
މާރިޔާ ވިދާޅުވީ ކޮވިޑް ވިލެޖް ނިންމާލެވުމުން ވަރަށް ބޮޑު މަަސައްކަތެއް ކުރެވުނު ކަމުގައި އިޙްސާސް ކުރެވޭކަމަށާއި ފުރާނަ އަތްމައްޗަށް ލައިގެން އ ެފެސިލިޓީ ތަރައްޤީކުރުމުގެ ބުރަ މަސައްކަތް ކުރި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
ކޮވިޑް ވިލެޖްގެ މަސައްކަތް ފަށާފައިވަނީ އޭޕްރިލްމަހުގެ 1 ވަނަ ދުވަހު އެވެ. އަދި އެޕްރީލް 25 ވަނަ ދުވަހު މިތަނުގެ މަސައްކަތް ކުރި ފަރާތްތަކުގެ ތެރެއިން ބައެއް މީހުން ޕޮޒިޓިވްވުމާއި ގުޅިގެން 76 ސިފައިން މި ފެސިލިޓީގައި ކަރަންޓީނު ވެގެންވެސް މަސައްކަތްކޮށްފައި ވެއެވެ.
އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި މިތަން ހަދާފައިވަނީ 300 މީހުންނަށް އެއްފަހަރާ ފަރުވާ ދެވޭނެ ގޮތަށް ކަމަށެވެ. އެގޮތުން އެ ފެސިލިޓީގައި ސާވިސް ބިލްޑިންއަކާއި އެކޮމޮޑޭޝަން ބްލޮކެއް ހުންނާނެ ކަމަށާއި އެގޮތުން ސާވިސް ބިލްޑިންގްގެ ބޭނުމަކީ ލޯންޑްރީ އާއި ވޭސްޓް މެނޭޖްމެންޓްގެ އިތުރުން ބަދިގޭގެ ހިދުމަތް ފަދަ ކަންކަން ކުރުމަށް ހާއްސަ ތަނެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އަދި އެކޮމޮޑޭޝަން ބްލޮކަކީ އެތަނުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ތިބުމަށް ހާއްސަ ތަނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މި ތަނުގެ ކޮންސްޓްރަކްޝަން މަސައްކަތަށް އަންދާޒާ ކުރެވެނީ 12 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް. އަދި މި ތަނަށް ބޭނުންވާ އެކި ކަހަލަ މެޑިކަލް ސާމާނު ހޯދުމަށް 28 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވިފައިވޭ" މަބްރޫކް ވިދާޅުވިއެވެ.