“ރައީސް ޔާމީނަށް ޢާއިލާއާ ބައްދަލު ނުވެ މިއަދާ ހަމައަށް އައި އައުމުން ދޭހަވަނީ އިންސާފު ކަށަވަރު ނުވާކަން”
ރައީސް ޔާމީނަށް ޢާއިލާއާ ބައްދަލު ނުވެ މިއަދާ ހަމައަށް އައި އައުމުން ދޭހަ ވަނީ އިންސާފު ކަށަވަރު ނުވާކަން ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބަންދުވި ޙުކުމް އިއްވެވުނު ގޮތް ވަރަށް ސާފު ކަމަށާއި ޤާޒީ ޢަޒުލު ކުރުމުން ފެށިގެން އިސްތިއުނާފު ނުނިމި، ޢާއިލާއާ ބައްދަލު ނުވެ މިއަދާ ހަމައަށް އައި އައުމުން ދޭހަ ވަނީ އިންސާފު ކަށަވަރު ނުވާކަން ކަމަށެވެ.
“ރައީސް ޔާމީން ގެއަށް ބަދަލުކޮށް އިސްތިއުނާފު އަވަސްކޮށް އިންސާފު ކަށަވަރު ކުރަންޖެހޭ” ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ރައީސް ޔާމީނު ޖަލަށް ލީ ދުވަހު އެކަމާ ވަރަށް ހިތާމަ ކުރި ކަމަށާއި ވީދެރައިން ރޮވެން ވެސް ރޮވުނު ކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
އެމްޑީޕީ އޮފީހުގައި ނަޝީދު ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރީގެ ރައީސުން ޖަލަށްލުމަކީ އެމަނިކުފާނު އެއްވެސް ގޮތަކަށް އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި އެ ސަގާފަތް އެމަނިކުފާނުގެ ވެރިިކަމުގައި ދަމަހައްޓަވާފައިވާނެ ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށްލުމަށް ފަހު އެކަމާ އުފާ ފާޅުކޮށް ހެދި ކަމަށާއި އެކަމަކު ޔާމީން ޖަލަށްލި ދުވަހު އެމަނިކުފާނަށް ކީރިތި ކުރެއްވުނު ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"އެއީކީ ކޮންމެހެން އަޅުގަނޑު އުފާ ފާޅު ކުރަމުން، ހަވާ އަރުވަމުން ދުވާ ކަމެއް ނޫން. ތި ބޭފުޅުންނަށް ފާހަގަ ކުރެވިފައި އޮވެދާނެ އަޅުގަނޑު ޖަލަށްލާފައި ހަވާ އެރުއްވުމާއި ލަނގިރި ޖެހުމާއި ލަވަ ކިޔުމާއި މާ ބެހުމާއި މި ހުރިހާ ކަމެއް ވެސް ކުރި. އެހެން ނަމަވެސް ރައީސް ޔާމީން ޖަލަށްލީ ދުވަހު އަޅުގަނޑު ވީ ދެރަ. އަޅުގަނޑަށް ރޮވުނު. އަޅުގަނޑު އެދޭ ގޮތެއް ނޫން އެއީކީ." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޝަރުއީ ނިޒާމާ މެދު އިތުބާރު ބޮޑުވެއްޖެ ކަމަށާއި އަދި ރައީސް ޔާމީނަށް އިސްތިއުނާފްގެ ފުރިހަމަ ހައްގު ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޔާމީން ޖަލުގައި ހުންނެވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ނުވިޔަސް، ރާއްޖޭގެ ގާނޫނުތަކާއި ހަމަތައް ހިފަހައްޓަންޖެހޭ ކަމަށާއި ވެރިކަމަކީ ހިތުހުރި ގޮތަކަށް ކުރެވެން އޮންނަ ކަމެއް ނޫންކަން ހުރިހާ ރައީސުން ވެސް ގަބޫލު ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.