ޚަބަރު

ކުރިޔަށް އޮތް ދިހަ ދުވަސްތެރޭ 40،000 އަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ – ޓުއަރިޒަމް މިނިސްޓަރ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިޔަށް އޮތް ދިހަ ދުވަސްތެރޭ އިތުރު 40،000 އަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ރާއްޖެޓީވީގެ "ފަލަ ސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މައުސޫމް ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގެތެރޭ ރާއްޖެއަށް އިތުރު އެއަރލައިންތަކުން ދަތުރު ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއާއެކު ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ ސަރުކާރުގެ މިހާރުގެ އަމާޒަކީ ފަސްލައްކަ ސާޅީސް ފަސްހާސް ފަތުރުވެރިން އަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނައުން ކަމަށެވެ. އަދި އެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކުރިޔަށް އޮތް ދިހަ ދުވަސްތެރޭ 40،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައުން. އެކަމުގައި އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބޮޑު އެއްބާރުލުމެއް އަންނަނީ ލިބެމުން. އެހެން ނަމަވެސް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިމިވަނީ އޯވާ ބުކްވާ މައްސަލަ" މައުސޫމް ވިދާޅުވިއެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ، ޖަރުމަން، ފްރާންސް، އެމެރިކާ، ޖަޕާން އަދި ސްވިޒަލޭންޑް ހިމެނޭއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި މަހު އަލުން ހުޅުވާލި ފަހުން ފަތުރުވެރިން އައިސްފައިވާ މިންވަރުން އަހަރުު ނިމެންވާއިރަށް ޓޫރިޒަމްގެ ޓާގެޓަށް ކަނޑައަޅާފާއިވާ މިންވަރަށް ވުރެ އިތުރަށް ވެސް ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!