އެމްޑީޕީ އާ ގުޅެން ތައްޔާރަށް ހުރި ކަން މޫސަ ހާމަކޮށްފި
ސަރުކާރު ހިންގާ އެމްޑީޕީ އާ ގުޅެން ތައްޔާރަށް ހުންނެވި ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
”ސަންގު ޓީވީ” އަށް ދިން އިންޓަވިއުއެއްގައި އަބަދުވެސް ސިޔާސީ ކަންކަމަށް ލޯބި ކުރައްވާ ކަން ފާހަގަ ކުރައްވައި މޫސަ ވިދާޅުވީ އޭނާ އަކީ އަބަދުވެސް އެމްޑީޕީގައި ހުންނަ މީހެއް ކަމަށާއި މިރޭ އެދުނަސް އެޕާޓީއާ ގުޅިވަޑައިގަންނަވާނޭ ކަމަށެވެ.
އަދި މިއަދާ ހަމައަށް ވެސް އެމްޑީޕީއިން ބޭރުކޮށްލީ ކޮން ސަބަބަކާ ހުރެކަން އެނގިވަޑައިނުގަންނަވާ ކަމަށާއި ދެން އެ ޕާޓީ އާ ގުޅިވަޑައިގަންނަވާނީ ހަމައެކަނި ޕާޓީ މެންބަރުންގެ އެދުމުގެ މަތިން ކަމުގައި މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް އާއި ގައުމުގެ ރައީސް އަޅުގަނޑާ ރައްޓެހިވުމަކީ އެމްޑީޕީ މީހުން ދެކޭ ގޮތެއް ނޫން. އެމްޑީޕީ ތެރޭގައި އަޅުގަނޑު ދެކެ ރުޅި އަންނަ ބަޔަކުވެސް ތިބެދާނެ އިނގޭތޯ. އަޅުގަނޑަކީ އެމްޑީޕީއަށް ބޭނުން މީހެއްނަމަ އަޅުގަނޑުވެސް ގެންދާނެތާ. އަޅުގަނޑު ބަލައި އަތުވެއްޖިއްޔާ ދާނަން. މިރޭ އަޔަސް،" މޫސަ ވިދާޅުވިއެވެ.
ރައީސް ނަޝީދު އާއި ރީކޯ މޫސަ މިދިޔަ ހަފްތާ ތެރޭގައި ރިސޯޓެއްގައި ބައްދަލު ކޮށްފައިވާއިރު، މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި ރީކޯ މޫސަ ލ. އަތޮޅުގެ ރިސޯޓެއްގައި ބައްދަލު ކުރެއްވިކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެއާއެކު ގިނަ ބަޔަކު ވަނީ އެއީ މޫސަ އަލުން އެމްޑީޕީ އާ ގުޅެން އުޅޭ ކަމުގެ އިޝާރާތެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
ކުރިން އެމްޑީޕީގައި ހުންނެވި ރީކޯ މޫސަ އެޕާޓީން ވަކި ކުރީ 2015 ވަނަ އަހަރުގައެވެ. އޭނާ އެޕާޓީން ވަކިކުރީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ވޯޓު ދިން މައްސަލައިގައެވެ. ނަމަވެސް އެއިރު ރީކޯ މޫސަ ވިދާޅުވީ، އެމަނިކުފާނު އެޕާޓީން ވަކިކުރީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވުމުން، ރައީސް މުޙައްމަދު ނަޝީދުގެ ރޭވުމެއްގެ މަތިންނެވެ.
އެއަށްފަހު ރީކޯ މޫސަ ވަޑައިގެންނެވީ ޕީޕީއެމް އަށެވެ. ނަމަވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ވެރިކަން ކުރުމަށް ދެވަނަ ދައުރަކަށް ހޮވި ވަޑައިނުގަތް ފަހުން، ރީކޯ މޫސަ ހުންނެވީ ސިޔާސީ ހަރަކާތްތަކާ ދުރުގައެވެ.